Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީ އެއްބައިވާންޖެހޭ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) - ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީ އެއްބައިވާންޖެހޭ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގަޕޯ ވިދާޅުވީ ކައުންސިލް އިންތިހާބަށް އެމްޑީޕީ ނިކުންނަނީ ވަރަށް އުއްމީދާއެކު ކަމަށާއި އެމްޑީޕީން ކުރަންވީ ކަމަކީ އުފެދޭ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ގަދަކޮށް އެކުގައި ތިބެންވީ ކަމަށެވެ.

"އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ނުކަސިޔާރު ކަންތައް ކުރަން ވެއްޖިއްޔާ ބޭނުންވާ އަދަދަށް މި ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވޭނެ. އެހެންވީމާ މި ގައުމުގެ ހައްގުގައި އަޅުގަނޑުމެންގެ ޕާޓީގެ ހައްގުގައި ޕާޓީގެ މަސްލަހަތަށް ބަލައި އަޅުގަނޑުމެން އެބަޖެހޭ މިއަދު އެއްބައިވެގެން އެންމެން އެކުގައި މަސައްކަތްކުރަން،" ގަޕޯ ވިދާޅުވި އެވެ.

ގަޕޯ މިހެން ވިދާޅުވިއިރު އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފުރަތަމަ ފަހަރަށް އަލުން ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ދެ ބޭފުޅުން ވެސް ވަނީ މާޒީގައި ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ދެހާސް ތޭވީހުގައި އެމްޑީޕީ ދޫކޮށްލައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ފަހު، ނަޝީދު ހިމެނޭހެން އެ ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.