ކުރިޔަށް އޮތް 5 ދުވަހު އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް ބެލެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުތަކަށް، ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށެވެ. ވޭތުވެ ދިޔަ 7 ދުވަހަށް ބަލާއިރު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިއަދުކަމަށް އެއިދާރާއިން ބުނެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ އެއިދާރާގެ ރިޕޯޓްތަކުގައިވެސް މެދު ރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ވަނީ 1.5 ކިލޯ މީޓަރަށްވުރެ ދަށްވެފައިކަމަށެވެ. ވައި ސާފު ދުވަހެއްގައި 10 ކިލޯމީޓަރުގެ ދުރުމިން ހަމަލޮލަށް ފެންނާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
ކުރިޔަށް އޮތް 5 ދުވަހުވެސް ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެތީވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބޭރުގައި އެކި ހަކަތާތްތަކުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭ ގެ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުކުރާއިރުވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.