ގިނަ އަދަދެއްގެ ދިވެހިން ހިދުމަތް ހޯދާ ސްރީ ލަންކާގެ، ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ދަށުން ހިދުމަތް ދިނުން ހުއްޓާލައިފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް ކަނޑައިލީ އެއްބަސްވުން އާނުކުރެވުމާ ގުޅިގެންނެވެ.
އެއްބަސްވުން އާނުކުރެވި އާސަންދައިގެ ހިދުމަތް މެދުކަނޑާލިއިރު، އެ ހޮސްޕިޓަލުގެ ބިލުތަކަށް އާސަންދަ ކުންފުނިން ފައިސާ ނުދައްކާ އޮތް ކަމަށްވެސް އެނގިފައިވެ އެވެ.
ލަންކާއިން އާސަންދައިގެ ޚިދުމަތް ދެމުންދަނީ ލަންކާ ހޮސްޕިޓަލާއި، ލަންކާ ޑާޑަންސް ހޮސްޕިޓަލުގެ އިތުރުން ނަވަލޯކާ ހޮސްޕިޓަލުންނެވެ.
ލަންކާ އަކީ ދިވެހިން އެންމެ ގިނަ އަދަދެއްގެ އުޅޭ އެއް ގައުމެވެ.