Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

ރަސްމާލެ މަޝްރޫއުއަކީ ބަޖެޓުން ކުރާ ބޮޑު އިސްރާފެއް

ރަސްމާލެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު އިސްރާފެއް ކަމަށް ފަހި ޔޫނިއަން އަދި އުތުރުތިލަފަޅު ޔޫނިއަން އިން ބުނެފި އެވެ.

ސޯޝިއަލް ހައުސިންގ ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، ފަހި ޔޫނިއަނާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވީ ކުރީ ސަރުކާރުގައި ބޯހިޔާވަހިކަން ކަށަވަރުވި އާއްމު ރައްޔިތުންގެ ބޯހިޔާވަހި ކަމަށް މިސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވެވަޑައިގެންނެވި ވައުދާ ހިލާފު ވެފައިވާ ކަމަށެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ އުތުރުތިލަފަޅާއި، ހުޅުމާލެ ފޭސް-3 އަދި ގިރާވަރުފަޅު ތަރައްގީކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މަޑު ޖެއްސުމަށްފަހު މާލެއާ މާދުރުގައި އޮތް ފުށިދިއްގަރުފަޅު ހިއްކައި، ރަސްމާލެ ނަމުގައި އެތަން ތަރައްގީ ކުރާ ކުރުން ނުވިސްނޭ ކަމަށް ސޮބާހު ވިދާޅުވި އެވެ.

"އުތުރުތިލަފަޅާ ހުޅުމާލެ ފޭސް-3 ގިރާވަރުފަޅާ މިތަންތަނުން 14300 ގޯތި ދިނުމުގެ ކެޕޭސިޓީ އެބަހުރި. އަނެއްކާ މިދެންނެވި ތަންތަނަކީ މާލެ އާ އެއްކޮށް ހުޅުމާލެ ގުޅާލެވިފައި މިއޮންނަހެން ފާލަމަކުން ނުވަތަ ބްރިޖަކުން ގުޅާލެވޭނެ. މިސަރަހައްދުގައި ވަރަށް ފަސޭހައިން މީހުންނަށް ދަތުރުފަތުރު ކުރުމުގެ ކަންތައްތައް ވެސް ފަސޭހައިން ކުރެވެން އޮތް ތަންތަން މިއީ،" ސޮބާހު ވިދާޅުވި އެވެ.

ސޮބާހު ވިދާޅުވީ ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ރަސްމާލެ" ގެ ނަމުގައި އައު މަޝްރޫއެއް ފެށުމަކީ ދައުލަތުގެ ބަޖެޓުންކުރާ ބޮޑު އިސްރާފެއް ކަމަށެވެ.

ކުރީ ސަރުކާރުގައި ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްފައިވާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށާއި، އެ ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް މުޅިން އައު މަޝްރޫއެއް ނުވަތަ އައު ހުވަފެނެއް ދެއްކުމުގެ ބޭނުމެއް ނެތް ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.