Last Updated: July 9, 20:21
Thursday, July 9, 2026
ކުޅިވަރު

ޔުނައިޓެޑާއި ސިޓީ އެއްވަރު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތައް އެއްވަރުވިއިރު، ޗެލްސީ ބަލިވެއްޖެ އެވެ.

މި ނަތީޖާތަކާއެކު ލީގުގެ ދެވަނައިގައި ސިޓީ މިހާރު އޮތީ 21 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެވެ. ލީގުގައި މިރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެއްވަނައިގައި އޮތް އާސެނަލަށް އަށް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. އެއްވަނައިގައި އާސެނަލް މިވަގުތު އޮތީ 20 މެޗުން 48 ޕޮއިންޓު ހޯދައިގެންނެވެ.

ޔުނައިޓެޑަށް 21 މެޗުން ލިބުނު 32 ޕޮއިންޓާއެކު ލީގުގެ ހަތްވަނައިގައި އޮތްއިރު، ޗެލްސީ އޮތީ 21 މެޗުން ލިބުނު 31 ޕޮއިންޓާއެކު ލީގުގެ އަށްވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ސިޓީ އެއްވަރުވީ ރޭ ބްރައިޓަންއާ ބައްދަލުކޮށް 1-1 އިންނެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މިޓޯމާ ވަނީ ބްރައިޓަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން ސިޓީއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭގޮތް ވަނީ ނުވެފަ އެވެ.

ޗެލްސީ ރޭ ބަލިވީ ފުލަމްއާ ބައްދަލުކޮށް 2-1 އިންނެވެ. މި މެޗުގެ 22 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެލާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.

މެޗުގެ 55 ވަނަ މިނެޓްގައި ރައުލް ހިމިނޭޒް ފުލަމަށް ލީޑު ނަގައިދިންއިރު، ޗެލްސީގެ ފޯވާޑް ލިއަމް ޑެލަޕް ވަނީ މެޗުގެ 72 ވަނަ މިނެޓްގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ހެރީ ވިލްސަން ވަނީ ފުލަމަށް އަލުން ލީޑު ނަގައިދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވީ ލީގުގެ 19 ވަނައިގައި އޮތް ބާންލީއާ ބައްދަލުކޮށް 1-1 އިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ބާންލީން ލީޑު ނެގިއިރު، މިއީ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު ހެވަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ ދެ ގޯލު ކާމިޔާބުކޮށް، އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. މި ދެ ގޯލުވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބެންޖަމިން ސެސްކޯ އެވެ. ބާންލީއަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދިން ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭޑަން އެންތޮނީ އެވެ.

ޕްރިމިއާ ލީގުގައި ރޭ ބޯންމަތް އިން ވަނީ ފަހު ވަގުތު 3-2 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. އަދި ބްރެންޓްފޯޑުން 3-0 އިން ސަންޑަލޭންޑް ބަލިކުރިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 4-3 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް، ލީގުގެ ހަވަނަ އަށް ޖެހިލާފަ އެވެ.