Last Updated: June 6, 14:01
Saturday, June 6, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ކަނޑުފޭރޭ ފިލްމު އަންނަ މަހު

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ހޮލީވުޑްގެ އާ ފިލްމު ދަ ބްލަފް އަންނަ މަހު ގެނެސްދޭން ނިންމައިފި އެވެ.

ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާގައި ޕްރިޔަންކާ ފެންނާނީ ކަނޑުފޭރޭ މީހެއްގެ ރޯލުންނެވެ. ދަ ބްލަފްގެ ކާސްޓްގައި ކާލް އާބަން، އިސްމާއީލް ކްރޫޒް ކޯޑޯވާ، ސާފިއާ އޯކްލޯ ގްރީން، ޒެކް މޮރިސް އަދި ޑޭވިޑް ފީލްޑް ހިމެނެ އެވެ.

ދަ ބްލަފް ބެލުންތެރިިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ގަ އެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.

ޕްރިޔަންކާގެ އެންމެ ފަހުން ފެނިފައި ވަނީ އޭނަގެ ފިރިމީހާ ނިކް ޖޯނަސް ހިމެނޭ އާއިލީ ބޭންޑް ޖޯނަސް ބްރަދާސްގެ ތިން ބެއިންނާ އެކު މިދިޔަ ނޮވެމްބަރު މަހު ގެނެސްދިން ކްރިސްމަސް މިއުޒިކަލް ކޮމެޑީ އަ ވެރ ޖޯނަސް ކްރިސްމޫވީގެ ހާއްސަ ފެނިލުމަކުންނެވެ.

އޭގެ ކުރިން މިދިޔަ އަހަރުގެ ޖުލައިގައި އެމެޒޯން ޕްރައިމް ވީޑިއޯ ގެނެސްދިން އެކްޝަން ކޮމެޑީ ހެޑް އޮފް ސްޓޭޓްގެ ބަތަލާގެ ރޯލުން ވެސް ޕްރިޔަންކާ ފެނިފައިވެ އެވެ. އޭގެ ބަތަލުންނަކީ އިޑްރިސް އެލްބާ އާއި ޖޯން ސީނާ އެވެ.