ސްރީ ލަންކާއާ ރާއްޖެއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިންނަށް ލަންކާ އިން ވިސާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ވިދާޅުވެ، ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވެސް ކަންބޮޑުވުން ފާޅުކޮށްފައު ވަނިކޮށް ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ބޯޑަރު ކޮންޓްރޯލް އުވާލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ބޮޑު ގޮތަކަށް ވާނެ ކަމަށެވެ.
އޭގެ ސަބަބުން ވިޔަފާރި އާއި ޓޫރިޒަމާއި ދޭދޭ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް ވެސް އިތުރު ބާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
ލަންކާ އަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުން އަންނަ ގައުމުގެ އިތުރަށް އެކި ބޭނުންތަކުގައި ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ. އެގޮތުން ލަންކާ އަށް ދާން ކޮންމެހެން ވިސާ ނަގާކަށް ނުޖެހެއެވެ. އެއީ އޮންއެރައިވަލް ވިސާ އެ ގައުމުން ދިވެހީންނަށް ލިބޭތީއެވެ.
ނަމަވެސް، އެ ގައުމުގައި ގިނަ ދުވަހަށް މަޑުކުރާ ނަމަ ދިވެހީން ވެސް ވިސާ ނަގަން ޖެހެ އެވެ.