Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ރައްކާގެ މި އަހަރުގެ އެޑިޝަން ލޯންޗްކޮށްފި

ފުލުހުން ކުރިއަށް ގެންދާ "ރައްކާ" ރޯޑް ޝޯގެ މި އަހަރުގެ އެޑިޝަން އިފްތިތާހުކޮށްފި އެވެ.

އެ ހަރަކާތްތައް މިއަދު އިފްތިތާހުކޮށް ދެއްވީ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އެވެ.

އެ ރަސްމިއްޔާތުގައި "ރައްކާ" ގެ ޕާޓްނަރުން ކަމަށްވާ އެމްޓީސީސީ އާއި، އެޗްޑީސީ އާއި، އުރީދޫ މޯލްޑިވްސް އާއި، އެލައިޑް އިންޝުއަރެންސް އަދި ޝީޝާގެ އިސްވެރިންގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވި އެވެ.

“ރައްކާ”އަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

މި އަހަރު ރޯޑްސޭފްޓީ ހަރަކާތްތަކުގައި ބޭނުން ކުރާ ހޭޝްޓޭގަކީ “ރަނގަޅުކޮށްލާ” އެވެ.

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކަލަންޑަރެއް އެކުލަވައިލައި ތާވަލުކުރެވިފައިވާ ވަކި ދުވަސްތަކެއް ކަނޑައަޅައިގެން މުޅި އަހަރަށް ބަހާލައިގެންނެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ.

އެގޮތުން، ރައްކާ ރޯޑް ޝޯވް، ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމް، ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމް، ކުންފުނިތަކުގެ ޑްރައިވަރުންނާއި މުވައްޒަފުންގެ ޕްރޮގްރާމް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް އަދި ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް ހިމެނެއެވެ.