މުދަލު ޒަކާތް ދައުލަތާ ޙަވާލުނުކޮށް ތިބާ އަމިއްލައަށްވެސް ދެވިދާނެއެވެ. އެކަމަކު ތިބާ އަމިއްލަ އަށް މުދަލު ޒަކާތް ދޭ ނަމަ ދޭން ވާނީ މުދަލު ޒަކާތުގެ ބެހެނިވެރިންގެ ގޮތުގައި ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ ބައިތަކުގެ ތެރެއިން ބަޔަކަށެވެ. ނުވަތަ އޭގެ ތެރެއިން ބައިތަކަކަށެވެ.
މުދަލު ޒަކާތުގެ ބެހެނިވެރިންގެ ގޮތުގައި 8 ބައެއް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވެ އެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެ އެވެ.
﴿إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ فَرِيضَةً مِّنَ اللَّـهِ وَاللَّـهُ عَلِيمٌ حَكِيمٌ﴾ -سورة التوية ٦٠-
މާނައީ: ‘ޒަކާތުގެ ތަކެތި ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެބައިމީހުންގެ ހިތްތައް އެކުވެރި ކުރައްވާ މީހުންނަށާއި(އަލަށް އިސްލާމްވާ މީހުންނަށާއި)، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި، (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށް މެނުވީ ނުވެއެވެ. ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. އަދި ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.”
މި އާޔަތުގައިވާ 8 ބަޔަކީ:
1. ފަޤީރުން
2. މިސްކީނުން
3. ޢާމިލުން (ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތުގައި އުޅޭ މީހުން)
4. އަލަށް އިސްލާމްވާ މީހުން
5. އަޅުން މިނިވަންކުރުން
6. ދަރަނިވެރީން
7. ﷲ ގެ މަގުގައި (ޖިހާދުކުރުމަށް)
8. ދަތުރު މަތީގައި ޙާލުގައި ޖެހޭ މީހުން
މުދަލު ޒަކާތަށްވާ ފައިސާ ޢާއްމު ފަރުދަކު ޒަކާތް ދޭއިރު މި 8 ބަޔަށް ކޮންމެހެން ބަހާކަށް ނުޖެހޭނެއެވެ. ޢާއްމު ފަރުދަކު ޒަކާތް ދޭނަމަ، ޒަކާތަށްވާ ފައިސާ މީގެން ކޮންމެވެސް އެއްބަޔަށް ދިނުމުން ފުދޭނެއެވެ. އަދި ދެބަޔަށް ދިނަސް ތިން ބަޔަށް ދިނަސް މައްސަލައެއް ނެތެވެ. ޒަކާތް ދޭންވާނީ ޤުރުއާނުގައި ބަޔާންވެފައިވާ މި ގިންތިތަކުގެ ތެރޭގައި ހިމެނޭ މީގެން ގިންތިއަކަށް ފެތޭ މީހަކަށެވެ.
ދައުލަތަށް ނުދައްކައި އަމިއްލައަށް ޒަކާތް ދެއްކުމުން މައްސަލައަކަށް ނުވާ ސަބަބަކީ ދައުލަތުން ވެސް މުދަލު ޒަކާތް ހޭދަ ކުރަން ޖެހެނީ މަތީގައިވާ އާޔަތުގައިވާ 8 ބަޔަށް ކަމުގައިވާތީ އެވެ. ދެގޮތުންވެސް ނުކުންނަނީ އެއް ނަތީޖާއެކެވެ. މުދަލު ޒަކާތުގެ މައިގަނޑު މަޤްޞަދަކީ ދެރަނިކަމެތީންނާއި މުއްސަނދީންގެ މެދުގައިވާ ފަރަޤު ކުޑަކުރުމެވެ. އެހެންކަމުން ޒަކާތުގެ ބެހެނިވެރިންނަށް (އޭގެ ޙައްޤުވެރިންނަށް) ތިބާ ޒަކާތް ދޭ ނަމަ، ކޮންމެހެން ދައުލަށް ޒަކާތް ނުދެއްކިޔަސް ފަރުޖެހޭނެ އެވެ. އަދި ދައުލަތަށް ޒަކާތް ދެއްކި ކަމުގައިވިޔަސް މައްސަލައެއް ނެތެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.