މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި 118،000 މަސްދަޅު ކޭސް ބެހުމަށް ނިންމައިފި އެވެ.
މިފްކޯ އިން ބުނީ މިހާރު ދަނީ ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ މަސައްކަތް ނިންމާލެވޭނީ މިއަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ކަމަށެވެ. އަދި ބަންދުކޮށްފައިވާ 3،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ހދ. ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ހިތަދޫ ޕޯޯޓުގައި ގުދަންކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު 111،231 މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ބަހައިފައިވެ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ނިންމުމުގެ އިތުރުން ރޯދަ މަހު ގޭބިސީތަކުގެ ކަރަންޓު ބިލުން ވެސް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.