މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 3.24 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން ބުނިގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 17.4 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން ބުނީ ޑިސެެމްބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އާއި ގްރީން ޓެކުހުގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއީ، ނޮވެމްބަރު 2024 އާ އަޅައިބަލާއިރު، މިދިޔަ ނޮވެމްބަރުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %12.8އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި ގުޅިގެން، މިދިޔަ ޑިސެެމްބަރުގެ އާމްދަނީ އިތުރުވެފައެވެ.
މިދިޔަ ޑިސެމްބަރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަށްވުރެ %17.4 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައިލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުންޏެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއެވެ. އެއީ 1.72 ބިލިއަން ރުފިޔާ އެވެ. ރިޒޯޓުތަކުގެ ކުލީގެ ޓެކްސްގެ ގޮތުގައި 519 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 218.7 މިލިއަން ރުފިޔާ، ޑިޕާޗަ ޓެކުހުގެ ގޮތުގައި 191.3 މިލިއަން ރުފިޔާ،
އެއަޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 176 މިލިއަން ރުފިޔާ، އާމްދަނީ އިން ނަގާ ޓެކުހުގެގޮތުގައި 160 މިލިއަން ރުފިޔާ ހިމެނެ އެވެ.
މީގެއިތުރުން މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 157.83 މިލިއަން ޑޮލަރު ހިމެނެއެވެ.