ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިހާބު ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ކާމިޔާބުކުރައްވައިފި އެވެ.
އެ އިންތިހާބުގައި ވާދަކުރެއްވީ ކޮން ފަނޑިޔާރުންނެއް ކަމެއް ހައިކޯޓުން ހާމައެއް ނުކުރެއެވެ. ނަމަވެސް ހައިކޯޓުން ބުނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް، ފަނޑިޔާރު ޝަފީއު އިންތިހާބުކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ފިޔަވާ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.