Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

މަޝްރޫއުތައް ލަސްވަނީ ކައުންސިލުން ބިން ހަވާލުނުކުރާތީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ބައެއް ރަށްރަށުގައި މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުން ބިން ހަވާލުނުކުރުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކިއެކި ދާއިރާތަކުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ހުރި ދަތިތައް ބައްލަވާ ކަމަށާއި އެގޮތުން މިއަދު ބަލާލިއިރު ވެސް މީގެ ދެތިން މަސް ކުރިން ސޮއިކޮށްފައި ހުރި މަޝްރޫއުތައް، ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ނުފެށިފައިވާ ކަމަށެވެ.

ބިންތައް ހަވާލުކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން ވާކަށް. އެކަން ރިޕީޓްވާކަށް، ކޮންޓިނިއުވާކަށް ދެން އެގޮތަަަކަށް. ރައްޔިތުންގެ އަތްޕުޅަށް މި އަންނަނީ އެ އިހުތިޔާރު ގާނޫނީ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބަށް ފަހު ދެން ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި ވަރަށް ބާރަށް މަޝްރޫއުތައް ހިންގަން ބޭނުންވާ ކަމަށެވެ. އެކަންކަން ކުރެވޭނީ ރައްޔިތުން ޒިންމާ ހަވާލުކުރާ މީހުން އެކަން ކުރަން އެއްބާރުލުންދީގެން ކަމަށާއި ރަށްރަށުގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރުން ވަރަށް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ނަމަވެސް އެކަންކަމަށް ބުރަކި ޖައްސާ، އެކަންކަން ކުރުމަށް ހުރަސް އަޅާނެ ބަޔަކު ހޮވުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ހިތުން ވިސްނުންތެރި ގޮތަކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާއެއް ނޫން ކަމަށާއި އެގޮތަށް ކެމްޕޭނު ކުރާ ކަމަށްވާނަމަ އެއީ ރައްޔިތުން ވިސްނަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.