މާލޭގައި ހިންގާ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސާޖު ޕާލާތައް ބަންދުކުރުމަށް މިދިޔަ މަހުގެ 9 ވަނަ ދުވަހު ފެށި އޮޕަރޭޝަނަށް އެއް މަސް ދުވަސްވީއިރު، މާލެއިން 104 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
ފާހިޝް އަމަލުތައް ހިންގާތީ ބަންދުކުރަންޖެހޭ 200 އަށް ވުރެ ގިނަ މަސާޖުޕާލާ މާލޭގައި އެބަހުރި ކަމަށާއި އެ ތަންތަން ހިންގާ މީހުން ވެސް އެ މަސައްކަތް ހުއްޓާލުމަށް ރައީސް ގޮވާލެއްވި އެވެ.
މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާ ހިންގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގުތަކުން އެނގިފައިވާ ކަމަށް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ ތަންތަނުން ހައްޔަރުކުރާ މީހުންނަކީ ބިދޭސީއެއް ނަމަ ވަގުތުން އެ މީހަކު ޑީޕޯޓު ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފަ އެވެ.