Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

މަރުގެ އަދަބު ދިނުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން: ރައީސް

މަރުގެ އަދަބު ދިނުމަކީ ރާއްޖޭގައި ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ރާއްޖެ އަންނަ އިރު ޑްރަގު އެތެރެކޮށްފި ނަމަ، އެ މީހަކަށް މަރުގެ އަދަބު ދިނުމަށް ހިމަނާފަ އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޑްރަގުގެ މައްސަލައަކީ އެކަށީގެންވާ ހައްލެއް ގެނައުމަށް ދުވަހަކު ވެސް މަސައްކަތް ކުރެވިފައި ނުވާ ކަމެއް ކަމަށާއި އެކަން ހައްލުކުރުމަށް ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.

"މަރުގެ އަދަބު ދިނުމަކީ އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއްނޫން މި ގައުމުގައި އެއްވެސް ވަރަކަށް. އެއީ އިސްތިސްނާ ހާލަތެއްގައި އެކަން ކުރަން ޖެހިއްޖިއްޔާ މި ގައުމުގަ މި އޮތް ވަބާ ހައްލުކުރުމަށް ޓަކައި ކުރަންޖެހިފައި އޮތް ކަމެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އުންމީދު ކުރަނީ އަދި ޔަގީންކުރަނީ ވެސް އެ އަދަބު ދޭން ޖެހޭނެ ހާލަތަށް އެއްވެސް ފަރާތެއް އަމަލު ނުހިންގުން ކަމަށާއި ރާއްޖޭގައި ޑްރަގު ޓްރެފިކިންގެ ކަންކަން ހިނގަން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށެވެ.

ސަރުކާރުން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކަމަށާއި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު މިހާތަނަށް ވެސް އެ މަސައްކަތް ދިޔައީ ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފަދަ ކަންކަން ހައްލުކުރުން އިތުރު ހަރުފަތަކަށް ގެންދެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކު ކަމަށާއި ކައުންސިލް އިންތިހާބު މުހިއްމު ވަނީ ވެސް އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.