Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

ރަށްރަށުގައި ޓޫރިސްޓުން ހިފަހައްޓަންޖެހޭ މިންގަނޑަށް އިސްލާހު

ލޯކަލް ޓޫރިޒަމްގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭ ފަތުރުވެރިން ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވާ ކަމަށާއި، އެކަމަށް މަގުފަހިކުރުމަށް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުން ފަދަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތަކަށް ބަލާއިރު، ދީނީ، އަޚްލާގީ އަދި އިޖުތިމާއީ ގޮތުން ހިނގަން ނުޖެހޭ ކަންތައްތަކެއް ރަށްރަށުގައި ހިނގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ރަށުތެރޭގައި ފަތުރުވެރިން އުޅޭއިރު ހުންނަންޖެހޭނެ މިންގަނޑުތައް ހިމެނޭ ގޮތަށް މިހާރު އޮތް ގަވާއިދަށް އިސްލާހުތައް ގެނެސް، ދާދި އަވަހަށް ގެޒެޓް ކުރާނެ ކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.

"ކަމާގުޅޭ ގަވާއިދު، ރަށުތެރޭގައި، ޓޫރިސްޓުން އުޅޭއިރުގައި ހުންނަންޖެހޭނެ މިންގަނޑުތަކަކާ، މިކަންކަން މިހާރު އޮތް ގަވާއިދަށް އިތުރު އިޞްލާޙުތައް ގެނެސް، ދާދި އަވަހަށް ގެޒެޓް ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މި ގަވާއިދުތައް ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް މުހިންމު ކަމަށާއި އެގޮތުން ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް، ދުވަހުން ދުވަހަށް އެއްބާރުލުން ދޭންޖެހޭ ފަރާތަކީ ކައުންސިލްތައް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިނގާ ކޮންމެ ރަށެއްގައި އެކަމަށް ހާއްސަ އޮފީހެއް ހެދުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި އެ އޮފީސްތައް ހިންގުން ހަވާލުކުރާނީ ކައުންސިލްތަކާ ކަމަށްވެސް ވިދާޅުވި އެވެ.