Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

އިދިކޮޅަށް ފުރުސަތު ދީފިނަމަ އައްޑޫގެ ތަރައްގީ ދާނީ ފަހަތަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފިކުރުގެ މީހުންނަށް ފުރުސަތު ދީފިނަމަ އައްޑޫ ސިޓީގެ ތަރައްގީ ދާނީ ފަހަތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީއަށްޓަކާ މިދިޔަ ދެ އަހަރުތެރޭގައި އަދި މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މީގެ ކުރީގެ ސަރުކާރުތަކުގައި އައްޑުއަށް ނުވެފައި ހުރި ކަންތައްތައް ކަމަށާއި އައްޑޫ ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް މި މަސައްކަތް ހަވާލުކުރީ އެހެންވެ ކަމަށެވެ.

އައްޑޫގައި ތަފާތު އެކި ދާއިރާތަކުން ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި މި ކަންކަން ކުރުމުގައި ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ލޯކަލް ލެވެލްގައި ދޭނީ ސިޔާސީ ގޮތުން އެމަނިކުފާނާއި އެއް ވިސްނުމެއްގައި ތިބޭ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނޫނީއްޔާ ސިޔާސީ ގޮތުން ހަމަ އިދިކޮޅު ވިސްނުން އިސްކުރާނީ. އިސްކޮށްގެން އައްޑޫގެ ތަރައްގީ ހަމަ ފަހަތަށް ޖެހެމުންދާނީ، ލަސްވަމުންދާނީ. އެ ފުރުސަތު ނުދެއްވާނެ ކަމީ އަޅުގަނޑު ޔަގީންކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އައްޑޫގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ނިކުންނަ ކެންޑިޑޭޓާއި އަދި އައްޑޫގެ އެހެން ދާއިރާތަކަށް ޕީއެންސީގެ ޓިކެޓުގައި ނިކުންނަ ކެންޑިޑޭޓުން ހޮވައިދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

"ހަމަ އެގޮތަށް ތިނަދޫ ސިޓީގައި ވެސް ފުވައްމުލަކު ސިޓީގައި ވެސް އަދި ކުޅުދުއްފުށި ސިޓީގައި ވެސް މިހާރު ވަނީ މުހިންމު އެތައް މަޝްރޫއެއްގައި ސޮއިކުރެވިފައި، މުހިންމު އެތައް މަސައްކަތެއް ފެށިފައި އަދި މި އަހަރަށް ބަޖެޓު ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއިން ކޮންމެ ކަމަކީ ކައުންސިލްގެ އެހީތެރިކަން އެކި ކަންކަމުގައި ބޭނުންވާ ކަންކަން ކަމަށާއި ކައުންސިލްގެ އެއްބާރުލުން ނުލިބޭނަމަ ލަސްތަކެއް އަންނާނެ ކަމަށެވެ. އަދި ކަންކަން ލަސްވުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.