ސަރުކާރު ހިންގާ، ޕީއެންސީއަށް މެމްބަރުން އިތުރުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ސަބަބުން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ޕާޓީއެއްގެ ގޮތުގައި އޮންނަންޖެހޭ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ޕާޓީ ހިންގާ ހަމައެކަނި ވެރިޔަކީ ރައީސް މުއިއްޒު ކަމަށެވެ.
"ހަގީގަތުގައި ޕީއެންސީއަށް މިހާ ގިނަ އަދަދެއްގެ މެމްބަރުން ޖަމާވުމުގެ މައިގަނޑު އެއް ސަބަބަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ރާއްޖެއަށް އެމަނިކުފާނު ގެންނަމުންދާ ހެޔޮ ބަދަލުތަކާއި ތަރައްގީ އާއި އެމަނިކުފާނު މި ރާއްޖޭގައި ހަލާކުވެފައިވާ އެކިއެކި ދާއިރާތައް އާރާސްތު ކުރައްވައި، ރައްޔިތުން އެދޭ ގޮތަށް މި ގައުމުގެ ވެރިކަން ބައްޓަން ކުރަމުންދާތީ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕީއެންސީގެ ދަފްތަރަކީ ގާތްގަނޑަކަށް 3،000އެއްހާ މެންބަރުން ކަމަށާއި އެހެން ނަމަވެސް ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ދެ އަހަރެއްހާ ދުވަސް ތެރޭގައި، ޕީއެންސީގެ ދަފްތަރު 74،000 އަށް އަރާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ 25 ދުވަސް ތެރޭގައި އެ ޕާޓީއާ 5،000 މެންބަރުން އަލަށް ގުޅުނު ކަަމަށްވެސް ފަލާހު ވިދާޅުވި އެވެ.
ވެރިކަންކުރާ ޕީއެންސީއަށް ހަ މަސް ތެރޭގައި 5،000 މެންބަރުން އިތުރުވެ، ޖުމުލަ މެންބަރުންގެ އަދަދު 74،000އަށް ވުރެ މައްޗަށް އަރާފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ.
މިއާއެކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީއެންސީ އެވެ.