Last Updated: July 9, 20:21
Thursday, July 9, 2026
ކުޅިވަރު

ސުޕަ ކަޕްގެ ފައިނަލުގައި ބާސާ އާއި ރެއާލްގެ ކުރިމަތިލުމެއް

ސްޕެނިޝް ލީގުގެ ސެމީފައިނަލްގައި ރޭ އެތްލެޓިކޯ މެޑްރިޑް 2-1 އިން ބަލިކުރުމަށްފަހު މުބާރާތުގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ ސުޕަ ކަޕްގެ ފައިނަލްގައި ރެއާލް ބައްދަލުކުރާނީ ބާސެލޯނާ އެވެ. ބާސާ ފައިނަލަށް ދަތުރުކުރީ ސެމީގައި އެތްލެޓިކް ކްލަބްގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓްގައި ފެޑެރީކޯ ވަލްވާޑޭ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. މިއީ އެތްލެޓިކޯގެ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމަކުން ވަލްވާޑޭ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފް ނިމުމުގެ ލީޑު ފުޅާކޮށްލަން ރެއާލްގެ ރޮޑްރިގޯ އަަދި ވިނީޝަސް ޖޫނިއާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މި ހާފުގައި ނަތީޖާ އެއްވަރުކޮށްލަން އެތްލެޓިކޯ އަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެޓީމުގެ ފޯވާޑް އެލެކްޒެންޑާ ސޯލޮތް އަށެވެ. ނަމަވެސް ރެއާލްގެ އޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ރޮޑްރިގޯ ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ 58 ވަނަ މިނެޓްގައި ސޯލޮތް އެތްލެޓިކޯ އަށް ގޯލެއް ކާމިޔާބުކޮށްދިންއިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްދޭން އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ސްޕެނިޝް ސުޕަ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ބާސާ އެވެ. އެޓީމުން ވަނީ މި މުބާރާތް 15 ފަހަރު ކާމިޔާބުކޮށްފަ އެވެ.