މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސަލްމާން ޚާން އާ ފިލްމެއްގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މިއީ ރާޖް އެންޑް ޑީކޭ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ އެކްޝަން ކޮމެޑީއެއް ކަމަށާއި ފިލްމު ޕްރޮޑިއުސްކުރާނީ މައިތުރީ ޕްރޮޑަކްޝަންސްއިން ކަމަށެވެ. މި ފިލްމު ވާނީ ރާޖް އެންޑް ޑީކޭއާ އެކު ސަލްމާން މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. މި ދެ މީހުންނަކީ ހެޕީ އެންޑިން އާއި އަ ޖެންޓްލްމޭން ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުންނެވެ.
ރާޖް އަކީ ދާދި ފަހުން ދެކުނުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫއާ ކައިވެނިކުރި ޑައިރެކްޓަރެވެ.
ރާޖް އެންޑް ޑީކޭ އަކީ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒްތައް ކަމަށްވާ ދަ ފެމިލީ މޭން އާއި ސިޓަޑެލް: ހަނީ ބަނީގެ ވެސް ޑައިރެކްޓަރުންނެވެ.
އެ ދެ މީހުން ހަދާ ފިލްމެއްގައި މަސައްކަތް ކުރަން ސަލްމާން މިހާރު ފެހި ސިގްނަލް ދީފައިވާ އިރު، އެޕްރީލް މަހުގެ ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުންޏެވެ. މީޑިއާތަކުން ބުނީ ފިލްމުގެ ސްކްރީންޕްލޭ ޕޮލިޝްކުރުމުގެ މަސައްކަތް ރާޖް އެންޑް ޑީކޭ މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ މާޗް 17 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ދަ ބެޓްލް އޮފް ގަލްވާން އެވެ. މިއީ އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.