މިދިޔަ އަހަރު ރިލީޒްކޮށް، ބެލުންތެރިންގެ ފުދޭ ވަރެއްގެ ބޮޑު ތަރުހީބެއް ލިބުނު އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ 2" މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
މި ފިލްމަކީ ޑައިރެކްޓަރު ލަވް ރަންޖަންގެ ލަވް ފިލްމްސް އާއި ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން 2019 ގައި ގެނެސްދިން "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލް އެވެ. އެ ފިލްމާ އެއްގޮތަށް ދެވަނަ ބައިގެ މައިގަނޑު ރޯލުތައް ކުޅުނީ އަޖޭ އާއި ރަކުލް ޕްރީތު ސިންގް އެވެ.
މިއީ އުމުރުން ދުވަސްވީ ފިރިހެނަކާއި ޒުވާން އަންހެނަކު ހިތާވެ، ކައިވެނި ކުރަން އުޅުމުން ދިމާވާ މަޖާ ހެއްވާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. އަންޝުލް ޝަރުމާ ޑައިރެކްޓްކުރި "ދޭ ދޭ ޕިޔާރު ދޭ 2" ގެ ކާސްޓްގައި އާރް މާދްވަން އާއި ޖާވިދު ޖެފްރީ އާއި އޭނަގެ ދަރިފުޅު މީޒާން ޖެފްރީ އާއި ގޯތަމީ ކަޕޫރް އަދި އިޝިތާ ދައްތާ ވެސް ހިމެނެ އެވެ.
މި ފިލްމު މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލި އިރު، ނޮވެމްބަރު 14 ގައި ސިނަމާތަކަށް ގެނައި ފިލްމަށް ބޮކްސް އޮފީހުގައި 104.67 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ އާމްދަނީއެެއް ލިބުނެވެ.