Last Updated: July 10, 00:09
Thursday, July 9, 2026
ޚަބަރު

މަސްއޫދު، ނަމާލްއާ ބައްދަލުކުރައްވައިފި

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ލަންކާ ސަރުކާރާއި ދެކޮޅު ޕާޓީއަށް ނިސްބަތްވާ ނަމާލް ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވަނީ ލަންކާއިން ރާއްޖެއާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިންނާ މެދު ލަންކާއިން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް ވަނީ ފާޑު ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން މަސްއޫދަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އޭނާ މިއަދު ވަނީ ނަމާލްއާ ބައްދަލުކުރައްވާފަ އެވެ.

ނަމާލް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ ގެ ކަމަށާއި ދެ ގައުމެއްގެ ދެމެދުގައި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް، ބިނާކުރަނިވި މަޝްވަރާ މުހިންމު ކަމަށެވެ. އަދި އެކުގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ކުރީކޮޅު ސަރުކާރުގެ މަގާމުތަކުގައި ތިބި ތިން ބަޔަކު އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލާގައި އެ ތިން މީހުންނަށާއި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއެކު އެ ތިން މީހުން އެމަގާމުތަކުން ސަސްޕެންޑްވެސް ކުރި އެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ތިބީ ސަރުކާރުގެ ދެ ކުންފުނީގެ އިސް މަގާމުތަކުގަ އެވެ.