Last Updated: June 6, 12:59
Saturday, June 6, 2026
މުނިފޫހިފިލުވުން

ޝަނާޔާގެ 2 ވަނަ ފިލްމުގެ ޓީޒާ ދައްކާލައިފި

މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ޒުވާން ބަތަލާ ޝަނާޔާ ކަޕޫރްގެ ދެވަނަ ފިލްމު ތޫ ޔާ މޭގެ ޓީޒާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ސަވައިވަލް ތުރިލާ އަކީ މިދިޔަ އަހަރު ތެރެ އިޝްގް މޭ ގެނެސްދިން، ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނަށް ބިޖޯއި ނަމްބިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ތޫ ޔާ މޭގެ ޓީޒާ އިން މިއީ ވަރަށް ޝައުގުވެރި ފިލްމަކަށްވާނެކަމުގެ ކުލަވަރު ދައްކުވައިދޭ އިރު، ފިލްމުގެ ބަތަލަކީ ޒުވާން އެކްޓަރު އާދާޝް ގޯރަވް އެވެ.

އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު އާނކޯ ކީ ގުސްތާކިޔާއިންނެވެ. ބެލުންތެރިންގެ ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު އެ ފިލްމުގެ ބަތަލަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ވިކްރާންތު މަސީ އެވެ.

އުންމީދީ ބަތަލާއެއްގެ ގޮތުގައު ފާހަގަކޮށްލެވޭ ޝަނާޔާ އަކީ ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ކަޒިންއެކެވެ.

ޝަނާޔާގެ ތޫ ޔާ މޭ އަންނަ މަހުގެ 13 ގައި ސިނަމާތަކަށް ދޫކޮށްލާ އިރު، އެ ތާރީހުގައި ޝާހިދު ކަޕޫރްގެ އެކްޝަން ތުރިލާ އޯ، ރޯމިއޯ ވެސް ރިލީޒްކުރާނެ އެވެ. ވިޝާލް ބަރަދްވާޖް ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ބަތަލާ އަކީ ޓްރިޕްތީ ދިމްރީ އެވެ.