ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމަކީ "ކަބީ ހުޝީ ކަބީ ޢަމް 2" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މީގެ ސްްކްރީންޕްލޭފެ ،މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ޕްލޭން ކުރަމުން އަންނަނީ މި އަހަރުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށް ކަމަށެވެ. ޑައިރެކްޓްކުރި ދެވަނަ ފިލްމު 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާ އެއްގޮތަށް "ކަބީ ހުޝީ ކަބީ ޢަމް 2" ވެސް ވާނީ ބޮޑު ކާސްޓެއް ހިމެނޭނެ އާއިލީ ލޯބީގެ ފިލްމަކަށެވެ.
ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަބީ ހުޝީ ކަބީ ޢަމް" އަކީ އަމީތާބް ބައްޗަނާއި އޭނަގެ އަންހެނުން ޖަޔާ ބައްޗަނާއި ޝާހްރުކް ޚާނާއި ކާޖޮލް އާއި ރިތިކް ރޯޝަންގެ އިތުރުން ކަރީނާ ކަޕޫރް މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ. ޓެގް ލައިނެއްގެ ގޮތުގައި "އިޓްސް އޯލް އެބައުޓް ލަވިން ޔޯ ޕޭރަންޓްސް" ހިމަނައިގެން ގެނެސްދިން ފިލްމުގެ ފިލްމުގެ ހާއްސަ ރޯލެއް ރާނީ މުކަރްޖީ ވެސް ކުޅުނެވެ.
ކަރަންގެ އާ ފިލްމަކީ "ކަބީ ހުޝީ ކަބީ ޢަމް 2" ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނަ ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު މި އަހަރުގެ ތެރޭގައި ފިލްމެއް ޑައިރެޓްކުރާނެކަން ކަރަން ކަށަވަރުކޮށް ދީފައިވެ އެވެ.
އާ ފިލްމު ވާނީ އޭނަގެ 8 ވަނަ ޑައިރެކްޝަނެވެ.
ކަރަންގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކު 2023 ގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ކަރަން ޑައިރެކްޝަނަށް ނުކުތީ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ. އޭގެ ފަހުން އޭނަ ޑައިރެކްޓްކުރި ފިލްމުތަކަކީ 2005 ގެ "ކަބީ އަލް ވިދާ ނާ ކެހެނާ"، އާއި 2010 ގެ "މައި ނޭމް އިޒް ޚާން" އާއި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އަދި 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަރަންގެ އާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރު އެވެ.