Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ޕީއެންސީގެ އޮފީސް ހެދުމުން ޖޫރިމަނާކޮށްފި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އޮފީސް ހުއްދަތައް ނުނަގައި އިމާރާތްކޮށްފައިވާތީ، އެ އިމާރާތުގެ ވެރިފަރާތް 128،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާއެއްގައި ހ. ވެޔޮވިލާގޭގައި އޮފީސް ހުޅުވި ފަސް ބުރީގެ އިމާރާތަކީ ހުއްދަތައް ނުނަގައި ހަދާފައިވާ ތަނެއް ކަމަށެވެ. އެހެންވެ މިދިޔަ މަހުގެ 25 ގައި އެ ގޭގެ ވެރިފަރާތް 128,545ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވެ އެވެ.

ޕީއެންސީގެ މައި ހަރުގޭގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެ އިމާރާތަކީ ކުރިން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ހަރުގެ ވެސް ހިންގި އިމާރާތެކެވެ. އެތަން ޕީއެންސީން ކުއްޔަށް ނަގައި ބޭނުން ކުރަން ފެށީ 2024 ގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެތަން ބޮޑެތި މަރާމާތުތަކަށް ފަހު، ޕީއެންސީގެ އޮފީހުގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.