Last Updated: June 27, 18:22
Saturday, June 27, 2026
ކުޅިވަރު

ފޭދޫ ޓީމަށް ސަޕޯޓް ކޮށްދޭން ކައުންސިލުން އެދިއްޖެ

އައްޑޫގައި މިހާރު ކުރިއަށްދާ މިނިވަން 50 ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައި ފޭދޫ އާއި، ށ. ފޯކައިދޫ އަންނަ އާދީއްތަ ކުޅޭ މެޗްގައި ފޭދޫ ޓީމަށް ސަޕޯޓް ކުރުމަށް އައްޑޫގެ ވީހާވެސް ގިނަ ބަޔަލު ދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ކައުންސިލުން މިގޮތަށް އެދުނީ ފޭދޫ ޓީމްގެ އޮފިޝަލުންނާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

ކައުންސިލުން ވަނީ ބައްދަލުވުމަށް ފަހު އައްޑޫގެ ހުރިހާ އޮފީސްތަކާއި ސްކޫލްތަކާއި ކުންފުނިތަކާއި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުން އާދީއްތަ ދުވަހު ހަވީރު ކުޅޭ މެޗްގައި ފޭދޫ ޓީމަށް ސަޕޯޓް ކުރުމަށް އައްޑޫ ސްޓޭޑިއަމްއަށް ދިއުމަށް އެދިފައެވެ.

އަދި ސަޕޯޓް ކުރަން ވަޑައިގަންނަވާ އިރު ފެހި ކުލައިގެ ހެދުމުގައި ދިއުމަށްވެސް ވަނީ އެދިފައެވެ.

“މިއީ އައްޑޫ ސިޓީ ކައުންސިލް ހިމެނޭ ގޮތުން އަޅުގަނޑުމެން އެންމެން އެއްބައިވަންތަކަމުގެ ރޫހާއި ކުޅިވަރުގެ ޖޯޝާއި ފޯރީގައި ޓީމަށް ހިތްވަރު ދިނުމަށް ލިބޭނެ ފުރުސަތެއް ކަމުގައި ދެންނެވީމެވެ.”

މިނިވަން 50 ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗް މާދަމާ ކުޅުމަށް ޝެޑިއުލް ކޮށްފައިވަނިކޮށް ޓީމްތަކަށް އައްޑޫއަށް އައުމުގައި ލަސްތަކެއް ވުމާއި ގުޅިގެން އެއްދުވަސް މިހާރު ވަނީ ފަސްވެފައެވެ.

އެގޮތުން މާދަމާ ކުޅެން ހަމަޖެހިފައިވާ ސެމީ ފައިނަލް ފުރަތަމަ މެޗް ވަނީ ހޮނިހިރު ދުވަހަށް ލަސްވެފައެވެ. އެމެޗްގައި ކުޅޭނީ ބ. އޭދަފުށީ ޓީމާއި ފަރެސް މާތޮޑާ ޓީމެވެ.

މި މިބާރާތުގެ ޗެމްޕިއަންޓީމަށް ފައިސާގެ އިނާމެއް ހުށަހެޅިފައިވާ އިރު ޗެމްޕިއަން ޓީމަށް ދިވެހި ޕްރެމިއާ ލީގުން ޖާގަ ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.