Last Updated: July 10, 00:09
Thursday, July 9, 2026
ޚަބަރު

ވައި ނުސާފު، ދަތުރުފަތުރުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ

ވީއައިއޭ އަށް ޖައްސާފައިވާ ފްލައިޓްތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓް

ވައި ނުސާފުވުމުގެ ސަބަބުން، ވައިގެމަގުން ދަތުރުކުރާއިރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ނިންމައިފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ، ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، ރާއްޖޭގެ ވައިގެ ނިއަމިކަމުގެ ހިދުމަތް ދޭން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން އެ ކުންފުންޏަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި އެގޮތުގެ މަތިން މިފަދަ ކޮންމެ ހާލަތެއް މެދުވެރިވާހިނދު މި އުސޫލަށް އަމަލުކުރަމުން އަންނަ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

މިފަދައިން އެޅޭ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން އެންގުމެވެ.

އެގޮތުން ދުރުފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލުކުރެވެމުން އައިސްފައިވާ އުސޫލެއްކަން އެމްއޭސީއެލް އިން ފާހަގަކޮށްފައިވެއެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު އިސްކަމަކީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައްކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައިވެސް އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.