Last Updated: July 10, 00:09
Thursday, July 9, 2026
ޚަބަރު

މިދިޔަ ދެ އަހަރު އައްޑޫ ކައުންސިލުން ސަރުކާރަށް ކުރީ އުނދަގޫ

މިދިޔަ ދެ އަހަރު އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ކުރީ އުނދަގޫ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ފޭދޫ މަގުއްދޫ ދާއިރާގެ ކެމްޕޭނު އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ އައްޑޫއަށް މިހާތަނަށް ފަސޭހަކޮށް ކަންކަން ވެފައި އޮތީ ކައުންސިލާއި ސަރުކާރުން ގުޅިގެން ކަމަށާއި އެގޮތުން ޕީޕީއެމް ސަރުކާރު އޮތްއިރު އައްޑޫއަށް ކުރަން ބޭނުންވި ގިނަ ކަންކަން ނުވީ އޭރު އޮތް ކައުންސިލުން އުނދަގޫ ކުރުމުން ކަމަށެވެ.

"މިދިޔަ ދެ އަހަރުތެރޭގައި ވެސް ވީ ވަރަކުން އުނދަގޫ މިކުރަނީ،" އިހުސާން ވިދާޅުވި އެވެ.

އޭގެ މިސާލެއް ދައްކަމުން އިހުސާން ވިދާޅުވީ މަރަދޫގައި ޕޮލިސް ސްޓޭޝަނަށް އެޅުމަށް މަސައްކަތް ކުރަމުން އަންނަތާ ދެ މަސް ވެގެންދިޔައިރު ވެސް ކައުންސިލުން ބިން ހަމަޖައްސާދީފައި ނުވާ ކަމަށެވެ. މިއީ ސަރުކާރަށް ދުއްތުރާ ކުރާ ކައުންސިލެއް ހޮވިއްޖެނަމަ ހާލަތު އޮތް ގޮތް ކަމަށާއި ހއ. ތުރާކުނުން ފެށިގެން އައްޑޫ ފޭދޫއާ ހަމައަށް ގިނަ ތަންތަން މިއަދު އޮތީ މި ހާލަތުގައި ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހެއް އޮތުމުން ލިބޭ ފައިދާތައް ފެންނަމުންދާ ކަމަށާއި ފާއިތުވި ދެ އަހަރު ސަރުކާރާއި ގުޅިގެން މަސައްކަތް ކުރި ކައުންސިލްތައް ނިސްބަތްވާ ރަށްތަކުން ތަފާތު ފެންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ސަރުކާރާ އެކީ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލެއް ރައްޔިތުން އިންތިހާބުކޮށްފިނަމަ ފޭދޫއަށް ވެސް ބަދަލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.