ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ 'މަރުދާނީ' ފްރެންޗައިޒްގެ ތިން ވަނަ ބައި ރިލީޒް ކުރުން އަވަސްކޮށްފި އެވެ.
މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނު ބަތަލާހެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ 'މަރުދާނީ 3' މިހާރު ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ މި މަހުގެ 30 ގަ އެވެ. ކުރިން މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 27 ގަ އެވެ.
'މަރުދާނީ 3' ގެ ޑައިރެކްޓަރަކީ އަބިރާޖް މިނަވާލާ އެވެ. އޭނަ އަކީ ވައިއާރްއެފްގެ ފިލްމުތައް ކަމަށްވާ ސަލްމާން ޚާންގެ "ޓައިގާ 3" އާއި "ސުލްތާން" ގެ އިތުރުން ރަންވީރު ސިންގް އާއި އަރުޖުން ކަޕޫރްގެ "ގުންޑޭ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
"މަރުދާނީ" ގެ ފުރަތަމަ ބައި ގެނެސްދިނީ 2014 ގަ އެވެ. އެ ޑައިރެކްޓްކުރީ 2023 ގައި މަރުވެފައިވާ ޕްރަދީޕް ސަރުކާރެވެ. އަދި 2019 ގެ "މަރުދާނީ 2" އަކީ ގޯޕީ ޕުތުރާން ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.
އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.
'މަރުދާނީ 3' ގެ އިތުރުން ރާނީގެ އެހެން ފިލްމެއް ވެސް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ އަހަރުގެ ފަހުކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' އެވެ.