ރައްޔިތުންނަށް ދޮގާއި މަކަރު ހެދުމުގައި ވެސް ހައްދަން އޮންނަން ވާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފާޑު ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ހިންގަން ސޮއިކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުރީ ކައުންސިލްތަކުން ދޫކުރަން ޖެހޭ ބިންތައް ދޫނުކޮށްގެން ކަމަށް ވިދާޅުވެ، ކައުންސިލްތަކަށް ނިސްބަތްކޮށް ރައީސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީގެ ޖަލްސާގައި ދެއްކެވި ވާހަލަތަކަށް އިޝާރާތް ކުރައްވައި އައްބާސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ނ. ޅޮހީގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި މަސްރޫޢުތަށް ނުފެ ށިވަނީ އެކަމަށް ބޭނުންވާނެ ބިން ކައުންސިލުން ހަވާލު ނުކޮށްގެންތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.
އޭނަ ވިދާޅުވީ މި ސަރުކާރު އައި އިރު ކުރީގެ ސަރުކާރުން ފެށީ ޅޮހީގެ ނަރުދަމާ މަޝްރޫއުގެ މަސައްކަތުގެ ބޮޑު އޮތީ ނިމިފައި ކަމަށެވެ. އެކަމަކު މި ސަރުކާރު އައި ފަހުުން އެ މަޝްރޫއުގެ ބާކީ 15 ޕަސެންޓްގެ އެެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ.
"އެކަން ކޮށްފައި ނުވަނީ ޅޮހި ކައުންސިލުން ހުރަސް އަޅުއްވައިގެންތޯ؟ އައްބާސް ވިދާޅުވި އެވެ. މޫނަށް ރުލެއް [ވެސް] އަރުވާ ނުލައި ރައްޔިތުންނަށް ދޮގާއި މަކަރު ހައްދަވަން ވެސް ހައްދެއް އޮންނަން ވާނެ." އައްބާސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ފާއިތުވި ދެ އަހަރު ތެރޭގައި ޅޮހި ރައްޔިތުންނަށް ކޮށް ދެއްވި ހަމަ އެއް ކަމެއް ވެސް ނެތް ކަމަށެވެ.