Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް 3.8 ބިލިއަން

އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 3.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.91 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދައުލަތަށް ލިބިފައިވެ އެވެ. ޑިޕާޗާ ޓެކްހުގެ ގޮތުގައި މިދިޔަ އަހަރު 1.13 ބިލިއަން ރުފިޔާ ލިބުނު އިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނީ 1.15 ބިލިއަން ރުފިޔާ އެވެ.

ޑިޕާޗަ ޓެކުހަކީ، ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. އެ ޓެކްސް ނަގަން ފެށީ ޖެނުއަރީ 1، 2022 ގަ އެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.

ޑިޕާޗާ ޓެކުހާއި އޭޑީއެފް ނަގާ ރޭޓަށް އެންމެ ފަހުން ބަދަލު ގެނައީ ޑިސެމްބަރު 1، 2024 ގަ އެވެ.

ޑިޕާޗަ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީތައް:

* އިކޮނޮމީ ކްލާސް: ދިވެހިން: 12 ޑޮލަރު، ބިދޭސީން: 30 ޑޮލަރު
* ބިޒްނަސް ކްލާސް: ދިވެހިން: 60 ޑޮލަރު، ބިދޭސީން: 60 ޑޮލަރު
* ފަސްޓް ކްލާސް: ދިވެހިން: 90 ޑޮލަރު، ބިދޭސީން: 90 ޑޮލަރު
* ޕްރައިވެޓް ޖެޓު: ދިވެހިން: 120 ޑޮލަރު، ބިދޭސީން: 120 ޑޮލަރު