ހޯމް މިނިސްޓަރު އަލީ އިހްސާން އުޅުއްވަނީ އައްޑޫ ރައްޔިތުން ގުނބީ ހައްދަވަން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ފާއިތުވި ދެ އަހަރު އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ކުރީ އުނދަގޫ ކަމަށް ވިދާޅުވެ މިނިސްޓަރު އިއްޔެ ފޭދޫގައި އޮތް ޕީއެންސީގެ ކެމްޕޭން އިވެންޓެއްގައި ދެއްކެވި ވާހަތަކާ ގުޅިގެން މޭޔަރު ސޯޝަލް މީޑިއާގައި މިއަދު ވަނީ މިދިޔަ ނޮޮވެމްބަރު މަހު ރައީސް ޑރ. މުއިއްޒާ އެކު މިނިސްޓަރު އިހްސާނާއި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ވަޑައިގެން އައްޑޫގައި މަޝްރޫއުތަކެއް ހިންގަން 14 ތަނެއްގައި ބިންގާ އަޅައި ޑްރާމާ ކުޅުއްވީ ކައުންސިލުން ބިން ނުލިބިގެންތޯ އައްސަވައިފަ އެވެ.
"އަދިވެސް ތިޔަ އުޅުއްވަނީ ރިޔާސީ އިންތިހާބުތެރޭ ގޭތެރޭ ސްކްރީން ބަހައްޓަވައިގެން ޕޮލިސް އެކަޑަމީ ތެރެއިން އިންޑިޔާ ސިފައިންނާއި ބަޑި ދެއްކިހެން ރައްޔިތުން ގުނބޯ ހައްދަވަންތޯ؟" ނިޒާރު ވިދާޅުވި އެވެ.
އިހްސާން އިއްޔެ ވިދާޅުވީ އައްޑު އަށް މިހާތަނަށް ފަސޭހަކޮށް ކަންކަން ވެފައި އޮތީ ކައުންސިލާއި ސަރުކާރުން ގުޅިގެން ކަމަށެވެ. އެގޮތުން ޕީޕީއެމް ސަރުކާރު އޮތްއިރު އައްޑު އަށް ކުރަން ބޭނުންވި ގިނަ ކަންކަން ނުވީ އޭރު އޮތް ކައުންސިލުން އުނދަގޫ ކުރުމުން ކަމަށް ވިދާޅުވި އެ.
"މިދިޔަ ދެ އަހަރުތެރޭގައި ވެސް ވީ ވަރަކުން އުނދަގޫ މި ކުރަނީ." އިހުސާން ވިދާޅުވި އެވެ.
އެކަމަށް އިޝާރާތް ކުރައްވައި އޭނަ ވިދާޅުވީ މަރަދޫގައި ޕޮލިސް ސްޓޭޝަނަށް އެޅުމަށް މަސައްކަތް ކުރަމުން އަންނަތާ ދެ މަސް ވެގެންދިޔަ އިރު ވެސް ކައުންސިލުން ބިން ހަމަޖައްސާދީފައި ނުވާ ކަމަށެވެ. އެހެންވެ ސަރުކާރަށް ދުއްތުރާ ކުރާ ކައުންސިލެއް އަނެއްކާ ވެސް ހޮވައިފި ނަމަ ހާލަތު ބަދަލެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.