Last Updated: June 6, 12:59
Saturday, June 6, 2026
މުނިފޫހިފިލުވުން

ކާތިކްގެ ނާގްޒިއްލާގެ ވިލަންއަކަށް ރަވީ

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރިއަންގެ ފިލްމު 'ނާގްޒިއްލާ' ގެ ވިލަންގެ ރޯލަށް ރަވީ ކިޝަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުުނީ އޭނަ ވަރަށް އަވަހަށް ފިލްމުގެ ކްރޫއާ ވެސް ގުޅޭނެ ކަމަށެވެ. ނަމަވެސް 'ނާގްޒިއްލާ' އަށް ރަވީ ސޮއިކުރިކަމް ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށެއް ނުދެ އެވެ. ރަވީ އަކީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު އެކްޓަރެކެވެ. ބޮލީވުޑްގެ އިތުރުން އޭނަ އަކީ އިންޑިއާގައި އެހެން ބަހުރުވަތަކުން ހަދާ ފިލްމުތައް ވެސް ކުޅޭ އެކްޓަރެކެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ 56 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ނޮވެމްބަރުގައު ރިލީޒްކުރި 'ތެރެ އިޝްގް މޭ' އިންނެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި 'ނާގްޒިއްލާ' އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް މިރްދީޕް ސިންގް ލާމްބާ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ކްރީޗާ ކޮމެޑީގައި ކާތިކް ކުޅެނީ ހަރުފަޔަކަށް ސިފަ ބަދަލުވާ ރޯލެކެވެ.

މީގެ ޝޫޓިން ކުރިއަށް ދިޔަ ނަމަވެސް އަދިވެސް ފިލްމުގެ ބަތަލާ އަކީ ކާކު ކަމެއް ނޭނގެ އެވެ.

'ނާގްޒިއްލާ' ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މި އަހަރުގެ އޮގަސްޓް 14 ގަ އެވެ. ނަމަވެސް ކުރިން ޕްލޭންކުރި ގޮތާ ހިލާފަށް ޝޫޓިންތަކަށް ލަސްވުންތަކެއް އައިސްފައިވާތީ އެ ތާރީހުގައި ފިލްމު ރިލީޒްނުކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާ އިން މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ