Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ ސިޔާސަތު!

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަކީ އަބަދުވެސް އޮޅުން ބޮޅުން ބޮޑު، ހީވެސްނުކުރާ ފަދަ ބަދަލުތަކެއް އަންނަ މާޙައުލެކެވެ. ޚާއްސަކޮށް، ވެރިކަން ބަދަލުކުރުމަށް ސިޔާސީ ފަރާތްތަކުން ކޯލިޝަން ހެދުމަކީ، ދިވެހި ޑިމޮކްރަސީގެ ތާރީޚުގައި މިއަދު އަލަށް ފެށުނު ކަމެއް ނޫނެވެ. ބަޠަލުންނޭ ކިޔައިގެން ވެރިކަމަށް ގެނެވޭ ފަރާތްތަކަކީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޚުދުމުޚުތާރުވެ، އެބައިމީހުންގެ ވިޔަފާރީގެ ބައިވެރިންނާ އެކު ގައުމުގެ މުއްސަނދިކަން ފޭރެން ފަށާ ބައެއްކަން، ތަޖުރިބާތަކުން ވަނީ ސާބިތުވެފަ އެވެ.

ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމުން ފެށިގެން، ކޮންމެ ވެރިކަމަކާ ދެކޮޅަށް ވެސް އިދިކޮޅު ފަރާތްތައް އެއްބައިވެ މަސައްކަތްކޮށްފައިވެ އެވެ.

މިގޮތުން، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާއި، ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމާއި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ވެރިކަމާ ދެކޮޅަށް ވެސް އެކި ފަރާތްތަކުން އެއްގަލަކަށް އަރާ، ވަނީ މަސައްކަތްކޮށްފަ އެވެ. އެހެންކަމުން، މިއަދު މިކަން ވެފައިވަނީ ދިވެހި ސިޔާސީ ސަގާފަތަކަށެވެ. އެއިރެއްގައި ވެރިކަމުގައި ހުންނަ ބޭފުޅަކީ ގައުމަށް ޚިޔާތްތެރިވާ މީހަކަށް ހަދާ، އޭނާ އާއި ދެކޮޅަށް އެންމެން އެއްވެ، ވެރިކަން ބަދަލުކުރުމަކީ މިހާރު ރާއްޖޭގައި އާދައަކަށްވެފައިވާ ކަމެކެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާއި، ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމާއި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ވެރިކަމަށް ވެސް ދިމާވީ ހަމަ މި ޙާލަތެވެ.

ތަޖުރިބާކުރެވެމުންދާ ހިތާމަވެރި ހަގީގަތަކީ، މިގޮތައް ސިޔާސީ ވެރިން އެކި ފަހަރު މަތިން ވެރިކަންތައް ބަދަލުކުރަމުންދިޔަ ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ހެޔޮ ބަދަލެއް ނާންނަކަމެވެ. އެގޮތުން މުޅި ގައުމުގައި ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ފަސާދައާއި، ރިޝްވަތުދިނުމާއި، ކޮރަޕްޝަން ހުއްޓުވައި ނައްތާލުމަށް ބޭނުންވާ ފިޔަވަޅުތައް ނޭޅޭކަން ފާހަގަކުރެވެއެވެ. ހަމައެފަދައިން، ގައުމަށް އެންމެ ފައިދާކުރާގޮތަކަށް ދިވެހިރާއްޖޭގެ އިގްތިޞާދު ހިންގުމުގައި މި ބޭފުޅުންނަށް ކާމިޔާބުތަކެއް ނުލިބޭކަމީވެސް، ފެންނަން ހުރި ޙަޤީގަތްތަކެވެ.

ގައުމަށް ހެޔޮ ބަދަލު ބޭނުންވާ ރައްޔިތުން، ކޮންމެ އިންތިޚާބެއްގައި ވެސް މި ސިޔާސީ ބޭފުޅުންނަށް ތާއީދުކޮށް، ވެރިކަން ބަދަލުކުރެ އެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ލިބެމުން ދަނީ ނިކަމެތިކަމާއި އިތުރު ތަކުލީފުތަކެވެ. ވެރިކަމުގެ ހުންގާނާ ހަވާލުވެވުމުން، މި ބޭފުޅުން ތަކުރާރުކޮށް ދައްކަނީ، ރައްޔިތުންނަށް ދެވުނު ވައުދުތައް ހަނދާން ނައްތާލައި، އަމިއްލަ އެދުމަށް އިސްކަންދޭ މަންޒަރެވެ.

މި ހާލަތުގައި، އުފެދޭ މުހިންމު ސުވާލަކީ، މި ފަރާތްތަކުން ރައީސް މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް ނުކުންނައިރު، ރައްޔިތުންގެ ފަރާތުން ކުރިން ލިބުނު ފަދަ ގަދަފަދަ ތާއީދެއް މިފަހަރުވެސް ލިބޭނެތޯ އެވެ؟ ނުވަތަ، ދެމިގެންދާ މި ނާކާމިޔާބީތަކުގެ ސަބަބުން ސިޔާސީ ކަންކަމަށް ފޫހިވެ، ރައްޔިތުން މިފަހަރު ކުޅިބަލަން ގޭގައި ތިބޭނީތޯ އެވެ؟

މިކަމުގެ ހަގީގީ ޖަވާބު ބިނާވެގެންދާނީ މިވަގުތު ދިވެހި ރައްޔިތުންގެ ސިޔާސީ ވިސްނުމާއި އިހުސާސްތައް ހުރިގޮތުގެ މައްޗަށެވެ. ބަލަން ތިބެމާ ހިނގާވެ.