Last Updated: June 6, 13:41
Saturday, June 6, 2026
ޚަބަރު

ވޯޓްލުމާއި ގުނުން ޑިޖިޓަލައިޒެއް ނުކުރާނެ: އީސީ

ރާއްޖޭގައި އެއްވެސް އިންތިހާބެއްގައި ވޯޓުލުމާއި ވޯޓް ގުނުން ޑިޖިޓަލައިޒް ނުކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު، ދައުލަތުގެ މީޑިއާ، ޕީއެސްްއެމްގައި ވިދާޅުވީ މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ އިދާރީ ކަންކަމެއް ކުރިއަށް ގެންދަނީ ޑިޖިޓަލައިޒްކޮށް ނަމަވެސް ޑިޖިޓަލައިޒް ނުކުރާނެ ކަމަކީ ވޯޓް ނެގުމާއި ގުނުން އަދި ނަތީޖާ އިއުލާން ކުރުން ކަމަށެވެ. އަ

ދި ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އެ އުސޫލު ދަމަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ވޯޓުލުމާއި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އާއި ވޯޓުގެ ނަތީޖާއާ ގުޅިގެން އަންނަ ކަންތައްތަކާއި މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ޑިޖިޓަލައިޒެއް ނުކުރާނެ، ޒާހިދު ވިދާޅުވި އެވެ. އެކަން ކުރާނީ ހަމަ ފިޒިކަލްކޮށް މާޒީގައި ވެސް އަޅުގަނޑުމެން ކުރަމުން އައި ގޮތަށް. އެއަށް އެއްވެސް ބަދަލެއް ނުގެންނާނެ ވާހަކަ އަޅުގަނޑު ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް [ދަންނަވާލަން]. އެ ބަދަލު އަންނާނެ އެއްވެސް ހާލަތެއް އިލެކްޝަން ކޮމިޝަނަށް ކުރިމަތިވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެން ވިޔަސް ވެސް އަޅުގަނޑުމެން އެކަން ނުކުރާނަން."

އޭނަ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުލުން ވެސް ވީހާވެސް އަމާންއޮމާން ކަމާއެކު، އިންސާފުވެރިކޮށް އަދި ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށް ގުޅުންހުރި އިދާރާތަކާއެކު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި އޮޅުން އަރާ ނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ވިޔަސް 1414 އަށް ގުޅައިގެން އެކަންކަން ފަސޭހަކަމާއެކު ސާފުކުރެވޭނެކަން ފާހަގަކުރެއްވި އެވެ.

އިންތިހާބަށް ކުރިމަތިލުމަށް ކެންޑިޑަސީ ފޯމު ހުށަހެޅުން މިފަހަރު ހަމަޖައްސާފައިވަނީ އޮންލައިންކޮށް، ޕޯޓަލް މެދުވެރިކޮށެވެ. މީގެ ކުރިން އޮންނަނީ ކެންޑިޑަސީ ފޯމު އީސީގެ އޮފީހަށް ހުށަހަޅަން ޖެހޭ ގޮތަށެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ވެސް އެ ދުވަހި ވޯޓެއް ނަގާނެ އެވެ.