މި އަހަރުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް 49،600 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 49،625 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 43،903 ޓޫރިސްޓުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ހަފުތާގައި އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން ޖުމްލަ 10،548 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީން 7،510 ޓޫރިސްޓުން އަދި ތިން ވަނައިގައި އޮތް އިނގިރޭސިވލާތުން 3،386 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،089 ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.
ރާއްޖޭގައި މި ވަގުތު 179 ރިސޯޓާއި 973 ގެސްޓްހައުސް އާއި 168 ސަފާރީ އަދި 16 ޓޫރިސްޓް ހޮޓާ އަންނަނީ ހިންގަމުންނެވެ.