Last Updated: July 10, 03:05
Thursday, July 9, 2026
ޚަބަރު

ބީއެމްއެލްއިން 100،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް "ރަން ފުރުސަތު" ގެ ނަމުގައި 100،000 ރުފިޔާ ދޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން އެ މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރާނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަނި ކަމަށް ވެސް ބޭންކުން ބުންޏެވެ.

މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ވެސް ފަސް ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ދޭނެއެވެ. އަދި މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފުތާއަކުވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިކުރާނެ ކަމަށް ބީއެމްްެލްއިން ބުންޏެވެ.

ޕްރޮމޮޝޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.

މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރިކުރާ މީހުންނަށް ކަމަށް ވެސް ބޭންކުން ބުނެއެވެ.