Last Updated: July 10, 03:05
Thursday, July 9, 2026
ޚަބަރު

ޓެކްސީ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

އެމްޓީސީސީން މިއަދު ބުނީ ވޯކިން އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވާ ހޮނިހިރު ދުވަހު މާފަންނު ބަސް ޓާމިނަލްގައި ކަމަށާއި އިންޓަވިއު އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ.

ޓެކްސީ ހިދުމަތަށް 407 ޑްރަައިވަރުން ހޯދަން އެމްޓީސީސީ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. އޭރު އެކަމަށް ކުރިމަތިލީ 366 މީހުން ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގަ އެވެ.

މި ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.

އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.