Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

ބޮލުގައި އިސްތަށި އިންދުން ހުއްދަވާނެތަ؟

ސުވާލު: ބޮލުގައި އިސްތަށި އިންދުން (ހެއަރ ޓްރާންސްޕްލާންޓް ކުރުން) މިއީ ހުއްދަ ކަމެއް ހެއްޔެވެ؟ އަހަރެންނަކީ ތަލަ މީހަކީމެވެ. އިސްތަށިގަނޑު ޖެހުން ޙަރާމްވީ ގޮތަށް އިސްތަށި އިންދުން ވެސް ޙަރާމް ހެއްޔެވެ؟

ޖަވާބު: އިސްތަށި އިންދުން ނުވަތަ ހެއަރ ޓްރާންސްޕްލާންޓް ކުރުމޭ މި ކިޔަނީ ބޮލުގައި އިސްތަށި ހުރި ތަނުން އިސްތަށި ބުޑު (ހެއަރ ފޮލިކްލް- r o) ނަގައިގެން އިސްތަށި ފައިބާފައިވާ ތަނުގައި އިންދުމަށެވެ. މިކަމުގެ ޙުކުމަކީ މިއީ ހުއްދަ ކަމެކެވެ. ސަބަބަކީ އެއީ އައިބެއް ފިލުވުމެވެ. ﷲގެ އުފެއްދެވުން (ޚަލްޤު ކުރެއްވުން) ބަދަލުކުރުމެއް ނޫނެވެ.

ޝައިޚު މުޙައްމަދު ބިން ޞާލިޙު އަލް ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ.
“ބޯ ތަލަވެފައި ހުރި މީހަކު، އޭނާގެ ބޮލުގެ ފުއްކިބައިގައި ހުރި އިސްތަށިތަކަކުން އިސްތަށި ނަގައިގެން ބޮލުގެ ތަލަވެފައިވާ ބައިގައި އިންދައި އިސްތަށިފެޅުވުމަކީ ހުއްދަކަމެއް ހެއްޔެވެ؟”

އޭނާ ޖަވާބު ދެއްވިއެވެ. “އާއެކެވެ. އެއީ ހުއްދަކަމެކެވެ. އެހެނީ މިކަން ހިމެނެނީ ﷲ އުފެއްދެވި މަގަށް އެއްޗެއް އަނބުރާ ރުޖޫޢަކުރުން ކަމުގައެވެ. ނޫނީ އައިބެއް ފޮރުވުން ކަމުގައެވެ. އެއީ ﷲ އުފެއްދެވި ޚަލްޤު ބަދަލުކުރުން ނުވަތަ ކޮސްމެޓިކް ސަރޖަރީގޮތަށް (އުނިކަމެއް ނެތި ހުއްޓައި) އިތުރަށް ރީތިކުރުމަށްޓަކައި ކުރެވޭ ކަމެއް ނޫނެވެ. އަޞްލަށް ރުޖޫޢަވުމެވެ. އެހެންކަމުން އެކަމަކީ ﷲ ގެ ޚަލްޤު ބަދަލުކުރުން ކަމުގައި ނުވެއެވެ. އަދި ކިޔެއް އެއީ އައިބުވި އެއްޗެއް، އެ އައިބު ފިލުވައި ކުރީގައި ހުރި އާދައިގެ ޙާލަތަށް ބަދަލު ކުރުމެވެ.

ބަނޫ އިސްރާއީލުގެ އިމްތިޙާނު ކުރެވުނު ތިން މީހުންގެ މަޝްހޫރު ވާހަކަ އަހަރެމެން އަޑުއަހަމެވެ. އޭގެ ތެރެއިން އެކަކީ ތަލަ މީހެކެވެ. އޭނާގެ އެދުމަކަށްވީ އޭނާގެ އިސްތަށިގަނޑު އަނބުރައި ލިބުމެވެ. މަލާއިކަތާ އަތްޕުޅު ބީއްސަވާލުމާއެކު ﷲ ތަޢާލާ އޭނާއަށް އޭނާގެ އިސްތަށިގަނޑު އަނބުރައި ދެއްވި އެވެ. އޭނާގެ ރީތި އިސްތަށިގަނޑު ﷲ ތަޢާލާ އޭނާ އަށް ދެއްވިއެވެ.”

”فتاوى علماء البلد الحرام” (ص 1185)

މިތަނުގައި ޝައިޚު ގެންނެވި ޙަދީޘަކީ ބުޚާރީ އަދި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެކެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުުގެ ލިޔުއްވުމެކެވެ.