މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވަޑައިގެން ބިންގާ އެޅުއްވި މަޝްރޫއުތައް މި ދައުރުގެ ތެރޭގައި ނިންމައި ބޭނުން ވެސް ކުރަން ފެށޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ފާއިތުވި ދެ އަހަރު އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ކުރީ އުނދަގޫ ކަމަށް ވިދާޅުވެ މިނިސްޓަރު އިއްޔެ ފޭދޫގައި އޮތް އިވެންޓެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން މޭޔަރު އަލީ ނިޒާރު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރަށް ފާޑު ވިދާޅުވެ، 14 ތަނެއްގެ ބިންގާ އަޅައި ޑްރާމާ ކުޅުއްވީ ކައުންސިލް އިން ބިން ނުލިބިތޯ އައްސަވާފައިވެ އެވެ.
އޭނަ ވިދާޅުވީ މިނިސްޓަރު އަދިވެސް ތިޔަ އުޅުއްވަނީ ރިޔާސީ އިންތިހާބުގެ ތެރޭ ގޭތެރޭގައި ސްކްރީން ބަހައްޓަވައިގެން ޕޮލިސް އެކަޑަމީ ތެރެއިން އިންޑިއާ ސިފައިންނާއި ބަޑި ދެއްކިހެން ރައްޔިތުން ގުނބޯ ހައްދަވަންތޯ ވެސް އައްސަވައިފަ އެވެ.

މޭޔަރުގެ މި ޕޯސްޓަށް މިނިސްޓަރު އިހުސާން ދެއްވި ރައްދުގައި އިހުސާން ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި އައްޑޫގެ 14 މަޝްރޫއެއްގެ ބިންގާ އެޅި ދަތުރުގައި އޭނަ ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ މޭޔަރު ކުޅުއްވާ ޑްރާމާ ވެސް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އައްޑޫގައި ރައީސް ބިންގާ އެޅުއްވި ސާދަ ތަން މި ދައުރުގެ ތެރޭގައި ނިންމައި ހުޅުވައި އެ ތަންތަނުން ރައްޔިތުންނަށް ހިދުމަތް ދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދޭން ތަންތަން ބިނާ ކުރަން ފެށުމުން އެކަން ޑްރާމާ ކުޅުމެއްގެ ގޮތުގައި މޭޔަރު ސިފަ ކުރެއްވުކީ މިފަދަ ޕްރޮޖެކްޓްތައް ނިންމުވަން މޭޔަރުގެ ޝައުގުވެރިކަން ހުރީ ކިހާ ވަރަކަށްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"އަދި އަޅުގަނޑު ދެއްކި ވާހަކަ އަކީ ހަގީގަތެއްކަން ރައްޔިތުންނަށް އިހުސާސްވާނެ." މިނިސްޓަރު ވިދާޅުވި އެވެ.