Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

އެމްޑީޕީގެ "ވައުދުގެ ދަތުރު" ފަސްކޮށްފި

މި މަހުގެ 28 ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީ "ވަޢުދުގެ ދަތުރު" ގެ އަންނަ މަހުގެ 4 ވަނަ ދުވަހަށް މިހާރު ލަސްކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކަނޑާ، ވަޔާއި، އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ކުރާ މި ދަތުރުގެ މި ފަހަރުގެ މަންޒިލަކީ މުލަކު (މ) އަތޮޅާއި، ކޮލުމަޑުލު (ތ) އަތޮޅާއި، ހައްދުންމަތި (ލ) އަތޮޅެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ރައްޔިތުންގެ ވިންދާއި އިޙުސާސްތައް ދެނެގަތުމަށް އެމްޑީޕީން ވަނީ މީގެ ކުރިން އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ ރަށަކަށާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފަ އެވެ.

މި ދަތުރުތަކުގައި އެއްކުރެވޭ މައުލޫމާތު މެނިފެސްޓޯ އެކުލަވާލާ އިރު ބޭނުން ކުރެވޭނޭ ކަމަށް އެ ޕާޓީން ބުނެ އެވެ.