މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން މިއަދު ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ކުރިިއަށް ގެންދާ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި އޮޕަރޭޝަނަަކީ، ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއްގެ އަމަލީ މަސައްކަތް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.
'އޮޕަރޭޝަން އަލިމަގު 'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްދާ އޮޕަރޭޝަންތަކެއް ފުލުހުން ފެށީ، މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ގަ އެވެ. މި މިއޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާ އިރު، 100 އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވެ އެވެ.