މި އަހަރުގެ ދިރާސީ އަހަރަށް ހުޅުވަން ތައްޔާރީތައްވަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާ ސްކޫލް "ޝަހީދު ޢަލީ ސްކޫލް" ގެ މަސައްކަތް ކުރިއަށްދާ ގޮތް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އިއްޔެ ބައްލަވާލައްވައިފި އެވެ.
އިއްޔެ ހަވީރު މިނިސްޓަރު ކުރެއްވި ޒިޔާރަތުގައި، ސްކޫލްގެ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުވައި، ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާއިރު ދަރިވަރުންނާއި ބެލެނިވެރިންގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރެއްވި އެވެ.
"ޝަހީދު ޢަލީ ސްކޫލް" ގެ ބިންގާ އެޅީ ޑިސެމްބަރު 23، 2023 ގަ އެވެ. މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭ ގޮތަށް ޢިމާރާތް ކުރެވޭ ސްކޫލެކެވެ. އެގޮތުން 1،500 އެއްހާ ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަ ފައިނޭންސިން އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ އެވެ.
މި ސްކޫލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި މި އަހަރުގެ ދިރާސީ އައު އަހަރާ ދިމާކޮށް މި މަހުގެ 27 ގަ އެވެ.
މި ސްކޫލް ހުޅުވުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދަރިވަރުންނަށް ދިރިއުޅޭ ސަރަހައްދުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.