Last Updated: June 6, 12:59
Saturday, June 6, 2026
މުނިފޫހިފިލުވުން

ރާނީ އާއި އަކްޝޭގެ ފިލްމުގެ ޝޫޓިން އަންނަ މަހު

ބޮލީވުޑްގެ ތަރިން ކަމަށްވާ ރާނީ މުކަރްޖީ އާއި އަކްޝޭ ކުމާރު ފުރަތަމަ ފަހަރަށް އެކީގައި ފެންނާނެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ އަކްޝޭ މީގެ ކުރިން ވެސް އެކްސްޓެންޑެޑް ކެމިއޯތަކެއްގައި ހިއްސާވެފައިވާ އޯ މައި ގޯޑް (އޯއެމްއެމްޖީ) ގެ ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. ރިޕޯޓްތައް ބުނާ ގޮތުން އާ ފިލްމުގެ ނަމަކީ 'އޯ މައި ގޮޑެސް' އެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ 2023 ގައި ގެނެސްދިން 'އޯއެމްޖީ 2' ގެ ވެސް ޑައިރެކްޓަރު އަމިތު ރާއީ އެވެ.

މީގެ ފުރަތަމަ ބަޔަކީ އުމޭޝް ޝުކްލާ ޑައިރެކްޓްކޮށް 2012 ގައި ގެނެސްދިން ފިލްމެވެ.

'އޯއެމްޖީ' ގެ ފުރަތަމަ ދެ ބަޔަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން ތިން ވަނަ ބައި ރިލީޒް ކުރާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

އަކްޝޭއާ އެކު ރާނީ އަލަށް ފިލްމެއްގެ މަސައްކަތްކުރާ އިރު، މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 30 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ 'މަރުދާނީ 3' އެވެ، މީގެ އިތުރުން މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' ގެ ރޯލަކުން ވެސް ރާނީ ފެންނާނެ އެވެ.