Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ފަލަސްޠީން މިނިވަން ކުރެވޭނެ!

އިސްރާއީލުން ޣައްޒާ އަށް އޮއްސަމުންދާ ބޮންތަކާއި، ހިފާފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގައި އެމީހުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކަށް ނިމުމެއް ނުގެނެވޭތީ، ފަލަސްޠީން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ލިބޭކަމަށް ޤަބޫލުކު ރުމަކީ ދަތި ކަމެކެވެ. ނަމަވެސް، ފަލަސްޠީނުގެ ޒުވާނުންގެ އަޒުމާއި ދެކޮޅުވެރިކަން އަބަދުމެ ދެމިގެން ދާނެ އެވެ.

އެމެރިކާގައި އިންސާނީ ހައްޤުތަކަށްޓަކައި މަސައްކަތްކުރެއްވި މުހިންމު ލީޑަރެއް ކަމަށްވާ މާޓިން ލޫތާ ކިންގް ޖޫނިއަ ވިދާޅުވެފައިވާ ފަދައިން "އަޚްލާޤީ މިންގަނޑުތަކުގެ ދުނިޔޭގެ ރާސްތާ ދިގު ނަމަވެސް، އެ ދުނިޔޭގެ މިސްރާބު ހުންނަނީ ޢަދުލުވެރިކަމާ ދިމާލަށެވެ." އެ ބަސްފުޅުގެ މާނައާއި އެއްގޮތަށް، ކަޅު ނަސްލުގެ އެމެރިކާ މީހުންނަށް ހަމަހަމަ ހައްޤުތައް ހޯދައިދިނުމަށް ކުރެއްވި މަސައްކަތް ކާމިޔާބުވާނެކަމަށް އޭނާ ގަބޫލުކުރެއްވިއެވެ. އަދި ތާރީޚުން އެކަންވަނީ ސާބިތުކޮށް ދީފަ އެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ޢަދުލު އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތަށް ސަތޭކައަށްވުރެ ގިނަ އަހަރު ވެފައިވާއިރުވެސް، އެކަންވަނީ އަދިވެސް ހާސިލު ނުކުރެވި އެވެ. މި ޖިހާދުގެ ތެރޭގައި ފަލަސްޠީނުގެ އެތައް ލައްކަ ބަޔަކުވަ ނީ ޝަހީދުވެފަ އެވެ. ނަމަވެސް، އިސްރާއީލުގެ ސިފައިންގެ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. މީގެ އިތުރުން، ފެނާއި ކަރަންޓާއި ޞިއްޙީ ޚިދުމަތްތައް ލިބުމަށް ބޮޑެތި ހުރަސްތައް ކުރިމަތިކުރުވާފައިވާއިރު، ޣައްޒާ މިހާރުވަނީ އެއްކޮށް ފުނޑުފުނޑުކޮށްލައިފަ އެވެ.

ފަލަސްޠީނުގެ މިހާރުގެ ހާލަތަކީ ވަރަށް ބިރުވެރި އަދި ކަންބޮޑުވާ ހާލަތެކެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ މުޒާހަރާތަކާއި، ބައިނަލްއަޤްވާމީ ސިޔާސީ މައިދާނަށް އަންނަމުންދާ ބަދަލުތަކުން ދައްކައިދެނީ، ފަލަސްޠީނުގެ މައްސަލަ އިތުރަށް ބާރުގަދަވެ، ދުނިޔޭގެ ސަމާލުކަން ލިބެމުންދާކަމެވެ. އދ. ގެ ތެރޭގައި ކުރެވޭ މަސައްކަތްތަކާއި، ބައިނަލްއަޤްވާމީ ފުޅާ ދާއިރާއެއްގައި ހިންގާ މަދަނީ ހަރަކާތްތަކުން ހާމަކޮށްދެނީ ފަލަސްޠީނުގެ ހައްޤުތައް – ޚާއްސަކޮށް އިސްރާއީލާއި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުން އެތައް ދުވަހަކަށް އިންކާރުކޮށްފައިވާ ހައްޤުތައް – މިހާރު އިތުރަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރަމުންދާކަމެވެ. މިކަމުގެ ވަރުގަދަ އަދި މުހިންމު މިސާލެއްގެ ގޮތުން ފާހަގަކުރެވެނީ، އދ. ގެ ޢާންމު މަޖިލީހުން ފަލަސްޠީނުގެ ނަކްބާގެ 75 ވަނަ އަހަރީ ދުވަސް ރަސްމީކޮށް ފާހަގަކުރުމެވެ.

ނަކްބާ، ނުވަތަ "ބޮޑު ކާރިސާ" އަކީ 1948 ވަނަ އަހަރު ހިންގުނު ނަސްލީ ޞާފުކުރުމުގެ ބޮޑު ކާރިސާއެކެވެ. އެއީ، ފަލަސްޠީނުގެ ބިމުގައި އިސްރާއީލްގެ ދައުލަތެއް ގާއިމުކުރުމަށްޓަކައި، 750،000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޠަން ދޫކޮށްދިޔުމަށް މަޖުބޫރުކުރެވުނު ހިތާމަވެރި ހާދިސާއެވެ. 1947 ވަނަ އަހަރު، ފަލަސްޠީނު، ޔަހޫދީ އަދި ޢަރަބި ދެ ދައުލަތަކަށް ބައިކުރުމަށް އދ. އަށް ހުށަހެޅި އިރު، އެ ޖަމާޢަތުގެ ޢާންމު މަޖިލީހުން ފަލަސްޠީނުގެ ކަންބޮޑުވުންތަކަށް އެއްގޮތަކަށް ވެސް ސަމާލުކަމެއް ދީފައެއް ނުވެ އެވެ. ނަމަވެސް، މި ޙާދިސާ ހިނގިތާ 75 އަހަރު ފަހުން، އ.ދ. އިން ވަނީ ނަކްބާ ރަސްމީކޮށް ފާހަގަކޮށްފައެވެ. މިއީ ތާރީޚީ މި ބޭއިންސާފު ޤަބޫލުކުރުމަށް ގިނަ ދުވަހު ފަސްޖެހިފައި އޮތުމަށްފަހު އ.ދ. މަޖިލިސް އިން ހިންގި ހަރަކާތެކެވެ.

ގިނަ ފަލަސްޠީނުގެ ރައްޔިތުން މިކަން ދެކެނީ އެމީހުންގެ ޤައުމީ ހިތާމަތަކާއި ކުރިމަތިލާން ޖެހުނު ވޭންތަކަށް އިޢުތިރާފުވުމެއްގެ ގޮތުގައެވެ. އދ. ގެ ޢާންމު މަޖިލީހުގެ މި ޖަލްސާގައި ބައިވެރިވި ގިނަ ފަރާތްތަކުން އިސްރާއީލުގެ ޢުދުވާންތައް ކުށްވެރިކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަނީ ތާޢީދުކޮށްފައެވެ. މީގެ ތެރޭގައި ކުރިން ފަލަސްޠީނުގެ މިނިވަންކަމަށް އާންމުކޮށް ތާއީދުކޮށްފައިނުވާ ބައިނަލްއަޤްވާމީ ޖަމާޢަތްތައް ވެސް ހިމެނެއެވެ. ޚާއްސަކޮށް ފާހަގަކޮށްލަންޖެހޭ ކަމަކީ ޤާނޫނީ، ސިޔާސީ، ދިމާލާތީ އަދި މީޑިއާގެ ދާއިރާއިން ވެސް މި އެއްބައިވަންތަކަން ފާޅުވެފައިވާކަމެވެ. މިއީ ފަލަސްޠީނުގައި ހިނގާފައިވާ ބޮޑެތި އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލުތަކާ ދުނިޔެ މިހާރު ކުރިމަތިލާން ފަށާފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ޚާއްޞަކޮށް އިސްރާއީލް ލޮބީގެ ނުފޫޒު ގަދަ މުއްސަނދި ޤައުމުތަކުގައި، ފަލަސްޠީނުގެ ރައްޔިތުންނާއި، އެބައިމީހުންނަށް ތާއީދުކުރާ ފަރާތްތަކުން، އިސްރާއީލުގެ އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅަށް ފާޅުގައި އުފުލަމުންދާ އަޑުއުފުލުންތައް ވަނީ އިތުރުވެފައިވެއެވެ. ފަލަސްޠީނަށް ތާއީދުކޮށް އަޑުއުފުލާ ފަރާތްތަކުގެ އަޑު މަޑުކުރުމަށް އިސްރާއީލަށް ތާއީދުކުރާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކުން މިހާރު އެހާ ކާމިޔާބު ނަތީޖަތަކެއް ނެރެވޭކަމަކަށް ގަބޫލު ނުކުރެވެއެވެ. މިކަމުގެ ތެރެއިން، ހިއުމަން ރައިޓްސް ވޮޗް، އެމްނެސްޓީ އިންޓަނޭޝަނަލް، އަދި އިސްރާއީލުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ބީ’ޓްސެލެމް ފަދަ ބޮޑެތި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ އިސްރާއީލުގެ ޢަމަލުތަކަކީ ނަސްލީ ތަފާތުކުރުމުގެ (އެޕާތައިޑް) ޢަމަލުތައް ކަމަށް ރަސްމީކޮށް ސިފަކޮށްފައެވެ.

މި ދެކޮޅުވެރިކަމުގެ ބިންގަލަކީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް ފުރަގަސްދީ، އެބައިމީހުންގެ އަމިއްލަ މިނިވަންކަން (ރައިޓް ޓުދަ ސެލްފްޑިޓަމިނޭޝަން) ކަނޑައެޅުމުގެ ހައްޤަށް ހުރަސްއަޅަމުންދާތީއެވެ. ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ވަކިކުރެވި، ބޭރުކުރެވެމުންދާތީ، އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަކީ މުހިންމު ކަމެކެވެ. ޚާއްސަކޮށް ޢަރަބި އަދި އިސްލާމީ މުޖުތަޢު ތަކުގައެވެ.

ދުނިޔޭގެ މަދަނީ ޖަމާޢަތްތަކުން އިސްރާއީލްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ތާއީދުކުރުން ފަދަ އުކުޅުތައް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މިފަދަ އުކުޅުތަކަކީ ދެކުނު އެފްރިކާގެ ނަސްލީ ތަފާތުކުރުމުގެ ނިޒާމު ނިމުމަކަށް ގެނައުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި ކަންކަމެވެ.

އިސްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔުމާއި، ޔަހޫދީ ނަސްލުގެ މީހުންނަށް ނަފުރަތުކުރުމަކީ ތަފާތު ދެކަމެއްކަން ބަޔާންކުރުމަކީ ވެސް ކޮންމެހެން މުހިއްމުކަމެކެވެ. ފަލަސްޠީނުގެ ހައްޤުތަކަށް ވަކާލާތުކުރާ ކޮންމެ މީހަކީ ޔަހޫދީ ނަސްލަށް ނަފުރަތުކުރާ މީހެއް ކަމުގައި ނުވާނެއެވެ. އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ ލޮބީގުރޫޕްތަކުން ވަކާލާތުކުރަމުން ގެންދަނީ، އިސްރާއީލަށް ފާޑުކިޔުމަކީ ޔަހޫދީ ނަސްލަށް ނަފުރަތުކުރުންކަމަށް ހެދުމަށެވެ. އެގޮތުން އެމީހުން މަސައްކަތްކުރަނީ ފަލަސްޠީނަށް ތާއީދުކޮށް ހިންގޭ ހުރިހައި ހަރަކާތްތަކެއް ހުއްޓުވުމަށެވެ – މިކަމަކީ ބައިނަލްއަޤްވާމީ ހޮލޮކޯސްޓް ހަނދާންކުރުމުގެ އެލަޔަންސް (އިހްރާ – އައި.އެޗް.އާރް.އޭ) އިން ޔަހޫދީ ނަސްލަށް ނަފުރަތުކުރުން (އެންޓިސެމިޓިޒަމް) މާނަކުރާ މިންގަނޑުތަކާ ޚިލާފު ކަމެކެވެ.

މިހާރު މިފަދަ ކަންކަން އެއްބައިކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ޒަޔަނިސްޓުން (އިހްރާ) މާނަކުރާ އުސޫލުތަކާ ދުނިޔޭގެ އެކަޑެމިކް މުޖުތަމަޢުތަކުން ވަރަށް ބޮޑަށް ބަހުސްކޮށް ދެކޮޅު ހަދަމުންދެއެވެ. ޚާއްޞަ ގޮތެއްގައި، އެމެރިކާގެ ސަރުކާރުގެ ތެރޭގައިވެސް މިކަމާ ގުޅިގެން ޚިޔާލުތަފާތުވުންތައް އުފެދެމުންދާކަން ފާހަގަ ކުރެވެއެވެ. މޭމަހުގެ ފަހުކޮޅު އެމެރިކާ ސަރުކާރުން ޔަހޫދީ ނަސްލަށް ނަފުރަތުކުރުން ހުއްޓުވުމަށް ޤައުމީ މަގުޗާޓެއް ނެރުނު ކަމުގައި ވިޔަސް، (އިހްރާ) ގެ ތަޢުރީފު އެމީހުން ރަސްމީކޮށް ޤަބޫލުކޮށްފައެއް ނުވެއެވެ.

ޒަޔަނިޒަމްގެ އިސްތިޢުމާރީ ސިފަތަކާއި ތަފާތުކުރުމުގެ ސިޔާސަތުތައް ހާމަކޮށްދޭ މަޢުލޫމާތު ކެމްޕޭންތަކުގެ ސަބަބުން، މިހާރު މުޅި ދުނިޔޭގައި އިސްރާއީލުގެ ޢަމަލުތަކަށް ކުރިން ނުފެންނަ ފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. މިކަމާ ގުޅިގެން، ފަލަސްޠީނުގެ ރައްޔިތުންނާއި އެމީހުންނަށް ތާޢީދުކުރާ ފަރާތްތަކުން، އޭސީއެލްޔޫ އާއި ސެންޓަ ފޯ ކޮންސްޓިޓިއުޝަނަލް ރައިޓްސް ހިމެނޭހެން، އެމެރިކާގެ ކޯޓުތަކުގައި ބީޑީއެސް އާ ދެކޮޅަށް ހަދާފައިވާ ޤާނޫނުތަކަށް ކާމިޔާބީއާއެކު ދަނީ ގޮންޖަހަމުންނެވެ. އިސްރާއީލު ބޮއިކޮޓް ކުރުމާއި އެ ޤައުމަށް ފާޑުކިޔުމަކީ ޔަހޫދީ ނަސްލަށް ނަފުރަތުކުރުން ކަމަށް ސިފަކުރުމަށްޓަކައި، އެމެރިކާއާއި ޔޫރަޕުގައި ހުންނަ ޔުނިވަރސިޓީތަކަށާއި މީޑިއާ ޖަމާޢަތްތަކަށް ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ނަމަވެސް، ގިނަ މުއައްސަސާތަކުން ވަނީ މިފަދަ ސިޔާސީ ވަކާލާތުތަކަކީ މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ހައްޤުގެ ދަށުން ރައްކާތެރިކަން ލިބިފައިވާ ކަމެއް ކަމަށާއި، އެއީ ޔަހޫދީ ނަސްލަށް ނަފުރަތުކުރުން ނޫންކަން ކަށަވަރުކޮށްދީފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ސަތޭކައަށް ވުރެ ގިނަ ޖަމިއްޔާތަކުން، ފަލަސްޠީނަށް ވަކާލާތުކުރާ ފަރާތްތަކަށް ކުރިމަތިކުރެވޭ ބިރުދެއްކުންތަކާއި ނަފްސާނީ ހަމަލާތައް މިހާރު ވަނީ ފާރަވެރިވެ، އެކަންކަމާ ދެކޮޅަށް މަސައްކަތްކުރަން ފަށާފައެވެ. މި ޖަމިއްޔާތަކުގެ ތެރޭގައި އެމެރިކާގައި ހުންނަ ފަލަސްޠީނު ލީގަލް އަދި ޔޫރަޕިއަން ލީގަލް ސަޕޯޓް ސެންޓަ ފަދަ މުހިންމު ޖަމިއްޔާތައް ހިމެނެއެވެ. އާންމު މުޢައްސަސާތަކުން ފަލަސްޠީނަށް ތާޢީދުކޮށް އުފުލާ އަޑުތައް ފަނޑުކޮށް އެމީހުން އެކަހެރިކުރުމަށް އިސްރާއީލަށް ތާޢީދުކުރާ ޖަމިއްޔާތަކުން ފުޅާދާއިރާއެއްގައި ކުރަމުންދާ މަސައްކަތަށް، މި ޖަމިއްޔާތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި މިފަދަ ޖަމުޢިއްޔާތަކުން ގާނޫނީ ގޮތުން ކުރާ މަސައްކަތުން މިފަދަކަންކަން ދަނީ ހުއްޓުވެމުންނެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ތާރީޚާއި، ނަކްބާގެ ހަނދާން ފޮހެލުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކަށް ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މިސާލަކަށް، ރިސަރޗް ގްރޫޕް ފޮރެންސިކް އާކިޓެކްޗަރ އިން 1948 ވަނަ އަހަރުގެ ތަންތޫރާގައި ހިނގި ގަތުލުއާންމު ފަދަ ޙާދިސާތައް ތަހުގީގުކޮށް، އިސްރާއީލުގެ ތާރީޚީ ވާހަކަތަކަށް ސީދާ ގޮންޖަހާފައިވެއެވެ.

ފަލަސްޠީނުގެ މައްސަލަތައް ކަވަރުކުރުމަށް ކުރިން ފަސްޖެހުނު މީޑިއާ ޕްލެޓްފޯމްތަކުން މިހާރު ވަނީ ފާޑުކިޔުންތައް ގެނެސްދިނުމަށް ތަނަވަސްކަން ދީފައެވެ. މިކަމުގެ ސަބަބުން، އެމެރިކާ އާއި ޔޫރަޕުގެ މީޑިއާ ނެޓްވޯކްތަކުގައި އިސްރާއީލަށް ތާއީދުކޮށް ދައްކަމުންދާ ވާހަކަތަކަށް، މިހާރު ވަނީ ދުނިޔޭގެ ފެންވަރުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ފަހުގެ ހާދިސާތަކުގައި، އިސްރާއީލުން އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވަރުގަދައަށް ދެކޮޅު ހެދި ނަމަވެސް، ދަ ނިއު ޔޯކް ޓައިމްސް އާއި ދަ ވޮޝިންގްޓަން ޕޯސްޓް ފަދަ ބޮޑެތި މީޑިއާ އައުޓްލެޓްތަކުން ހިންގި ތަހުގީގުތަކުން ކަށަވަރުކޮށްދީފައިވަނީ، ފަލަސްޠީނު-އެމެރިކާގެ ނޫސްވެރިޔާ ޝިރީން އަބޫ އަގްލާ މަރާލާފައިވަނީ އިސްރާއީލުގެ ސިފައިން ކަމަށެވެ.

އިސްރާއީލަށް ތާއީދުކުރާ ސިޔާސަތުތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާއީދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މިސާލަކަށް، އެމެރިކާގެ ޔަހޫދީ ނަސްލުގެ މަޝްހޫރު ޑޮކްޓަރު ސްޓީވް ފެލްޑްމަން، ލިބިވަޑައިގެންނެވި އިނާމެއްގެ ބަދަލުގައި އެންޓި-ބީޑީއެސް (ބޮއިކޮޓް، ޑައިވެސްޓްމަންޓް، ސެންކްޝަންސް) އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް އިންކާރު ކުރައްވައި، އެ އިނާމުގެ ފައިސާ ބީޑީއެސް އަށް ތާއީދުކުރާ 'ޔަހޫދީ ވޮއިސް ފޯރ ޕީސް' ޖަމާޢަތަށް ހަދިޔާކުރެއްވިއެވެ. މީގެ އިތުރުން، ކޮންގްރެސް ވުމަން ރާޝިދާ ތަލައިބް އާއި އިލްހާން އުމަރު ފަދަ ޕްރޮގްރެސިވް ސިޔާސީ ބޭފުޅުން ވަނީ އިސްރާއީލުގެ ސިޔާސަތުތަކުގައި އެމެރިކާ ބައިވެރިވާ މައްސަލައަށް ފާޅުގައި ގޮންޖައްސަވާފައެވެ.

ސިޔާސީ ދާއިރާއިންނާއި މަދަނީ ޖަމާޢަތްތަކުން ކުރަމުންދާ މިފަދަ މަސައްކަތްތަކާއި، މިކަމާ ގުޅޭގޮތުން ދުނިޔޭގެ އާންމު ރައުޔަށް އަންނަމުންދާ ބަދަލުތަކުން ހާމަކޮށްދެނީ ހަމައެކަނި އެއް ޙަޤީޤަތެކެވެ. އެއީ ފަލަސްޠީނުގެ މައްސަލައަށް ޢަދުލު އިންސާފު ލިބެންޖެހޭކަމެވެ. މި އިތުރުވަމުންދާ ހަރަކާތްތަކުގެ ސަބަބުން އިސްރާއީލަށް އެމީހުންގެ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތައް ދޫކޮށްލައި، ފަލަސްޠީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްޔިތުންނަށް ހަމަހަމަ ހައްޤުތަކާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ ސުލްހައިގެ ޙަޤީޤީ މަޝްވަރާތަކަށް ދިއުމަށް މަޖުބޫރު ވާނެ އެވެ.

މިކަމަށް ވަގުތު ނަގާނެކަން ކަށަވަރެވެ. ދެކުނު އެފްރިކާގައި ވެސް މިކަމަށް ވަގުތު ނެގި ފަދައިން، އަދި ތާރީޚުގައި ޢަދުލު އިންސާފާއި މިނިވަންކަމަށް ކުރެވުނު ކޮންމެ މަސައްކަތެއްގައި ވެސް ވަގުތު ނެގި ފަދައިންނެވެ. އެހެންކަމުން ހުޅަނގުގެ ޤައުމުތަކުން އެކަން ޤަބޫލު ކުރިޔަސް އަދި ނުކުރިޔަސް، ފަލަސްޠީން މިނިވަން ކުރެވޭނެ އެވެ.