ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ޝަމާހްގެ މައްޗަށް ތުހުމަތުވާ ގޮތަށް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ޝަމާހް ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި ފަހުން އޭނަގެ އޯޑިއޯއެއް ކަމަށް ބެލެވޭ އޯޑިއޯއެއް ލީކްވެފައިވެ އެވެ. އެ އޯޑިއޯގައި ކުންފުނީގެ އެތެރޭގައި 'ކުރަން އުޅުނު ކަންތައްތައް' އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށާއި އިތުރު އެހެން މީހަކަށް ކަމަށް ވިދާޅުވާ އަޑު އިވެ އެވެ.
ޝަމާހު ބައެއް މީޑިއާތަކަށް ވިދާޅުވެފައި ބަނީ މަގާމުން ވަކިކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ދައުރުވާ ދާ އޯޑިއޯ އަކީ ފޭކު އޯޑިއޯއެއް ކަމަށެވެ.
މި ސަރުކާރުގައި ޝަމާހް މިފްކޯގެ ސީއީއޯގެ މަގާމާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ވެސް ފުރުއްވި އެވެ.