ޢުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ޙާލު ދެރަވި މީހާ ރާއްޖެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
އެއީ 57 އަހަރުގެ އަންހެނެކެވެ.
އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އަންހެން މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް އެ މީހާގެ ޙާލަތާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.
އުމްރާ އަށް ގޮސް ހުއްޓައި އަންހެނަކު ހާލު ދެރަވި ވާހަކަ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިއްސާލުރެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެ މީހާ އަކީ އަލް ވާދީ ޢުމްރާ ގްރޫޕުގެ ޙަވާލުގައި ޢުމްރާ އަށް ދިޔަ މީހެކެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ގްރޫޕްތަކުގެ ހަވާލުގައި 7،000 އަށް ވުރެ ގިނަ މީހުން އުމްރާ އަށް ދިޔަ އެވެ. އަދި އުމްރާ އަށް ގޮސް އުޅެނިކޮށް ދެ މީހަކު ނިޔާ ވެސް ވެފައިވެ އެވެ.