Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސަރުކާރުން ދަނީ ރަށްރަށުގައި ފިތުނަ ފަސާދަ އުފައްދަމުން

މި ސަރުކާރުން ދަނީ ރަށްރަށުގައި ފިތުނަ ފަސާދަ އުފައްދަމުން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން މިއަދު ބޭއްވި ޕްރެސްއެއްގައި އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހަނިކޮށް މަސައްކަތަކަށް ވެސް ހުރަސް އަޅަމުންދާ ކަމަށެވެ. ގަޕޯ ވިދާޅުވީ މިހާރު ވަރަށް ގިނަ ކައުންސިލަރުން ތިއްބެވީ ސަސްޕެންޑްގައި ކަަމަށާއި، ފިޔަވަޅު އަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އޭނަ ވިދާޅުވީ މި ސަރުކާރުން ރަށްރަށުގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުންދާ އިރު، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރަށްތައް ބޮޑަށް ދެބައި ކުރުމުގެ މަގުސަދުގައި ކަމަށެވެ.

އެހެންވެ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް މުއިއްޒުގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ގަޕޯ ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ބައެއް ނޫން ކަަމަށާއި، އެއީ ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްކޮށް ޚިދުމަތް ކުރުމަށް އިންތިޚާބުކުރާ ބައެއް ކަމަށެވެ. އަދި ގައުމު ހިންގޭނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށާއި، ރައްޔިތުން ބާކީ ކުރާ ނަމަ ގައުމު ކުރިއަށް ނުދާނެ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކަށް ދޭން ޖެހޭ އެންމެހައި ރައްކާތެރިކަން ދިނުމަށް ފަހު ކައުންސިލްގެ ހިމާޔަތުގައި މަސައްކަތް ކުރުން." ގަޕޯ ވިދާޅުވި އެވެ.