އަހަރެންގެ އަތް ހަތިމުގެ މަތީގައި ބާއްވާފައި، ހަތިމުގައި އަތްލާފައި ހުވާކުރީމެވެ. އެ ހުވާކުރި ކަންތައް އަހަރެންނަކަށް ނުކުރެވުނެވެ. ކައްފާރާއެއް ދޭން ޖެހޭނެ ހެއްޔެވެ؟
ޖަވާބު: الحمد لله
ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމެއް، ނުވަތަ އެ އިލާހުގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފައެއް ގަންދީ މެނުވީ ހުވާނު ކުރެވޭނެ އެވެ.
ޤުރުއާން ގަންދީ ހުވާކުރުމަކީ ﷲ ތަޢާލާގެ ކަލާމްފުޅު ގަންދީ ހުވާކުރުމެވެ. އެހެނީ އެއިލާހުގެ ކަލާމްފުޅަކީ އެއީ އެ އިލާހުގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅެކެވެ. ހަތިމުގަންދީ ހުވާކުރުން ދަންނައެވެ. އޭނާ އޭގެން އެ މުރާދު ކުރަނީ އޭގައިވާ ﷲ ގެ ކަލާމްފުޅުނަމަ އެއީ ޝަރުޢުވެގެންވާ ހުވާކުރުމެކެވެ. އޭނާ އޭގެން މުރާދު ކުރަނީ އޭގައިވާ ކަރުދާހާއި ދެލި ނަމަ އެއީ ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމެވެ. އެއީ ޝިރުކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވާ ފަަދައިންނެވެ.
(مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ) رواه الترمذي (1535) وأبو داود (3251) وصححه الألباني في صحيح الترمذي
މާނައީ: “ﷲ ނޫން ފަރާތަކަށް ހުވާކޮށްފިމީހާ، ފަހެ އެމީހާ ކާފިރުވެއްޖެއެވެ ނުވަތަ އެމީހާ ޝިރުކުކޮށްފިއެވެ.”
އެހެންކަމުން އައުލާވެގެންވާ ގޮތަކީ އިންސާނާ ހަތިމުގަންދީ ހުވާނުކުރުމެވެ. އެއީ މުޞްޙަފު އެކުލެވިގެންވަނީ ﷲ ގެ ކަލާމްފުޅާއި، ކަރުދާހާއި ދެލީގެ މައްޗަށެވެ.
ފަހެ މުޞްޙަފުގެ މަތީގައި ނުވަތަ އޭގެ ތެރޭގައި އަތް ބޭއްވުން، (އަތްލާފައި ހުވާކުރުން) ދަންނައެވެ. މިއީ އަލަށް ހަދައިގެން އުޅޭ ކަމެކެވެ. ބައެއް މީހުން މިކަންކުރަނީ ހުވާކުރާމީހާ ދޮގުހުވާކުރުމާމެދު އޭނާގެ ހިތުގައި ހައިބަތާއި ބިރުވެރިކަން އުފެއްދުމަށެވެ.
ހަތިމުގަންދީ ހުވާކުރުމުގެ ޙުކުމާމެދު އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ.
ޖަވާބު ދެއްވިއެވެ. ‘ހުވާކުރުން ހުއްދަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާ އަދި އެއިލާހުގެ ޞިފަފުޅުތަކުންނެވެ. މީހަކު ﷲ ގަންދީ ހުވާކޮށްފި ނަމަ ދެން އޭނާ އަނެއްކާ އޭގެ މައްޗަށް ހުވާކުރުމަށް މުޞްޙަފު ގެނައުމުގެ ބޭނުމެއް ނެތެވެ.
ހަތިމުގައި އަތްލާފައި ހުވާކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި، ޞަޙާބީންގެ ޒަމާނުގައި އޮތް ކަމެއް ނޫނެވެ. މުޞްޙަފު ލިޔެވި އެކުލަވާލުމަށް ދަންދެނެވެ. އެބައިމީހުން ހަތިމުގައި އަތްލާފައި ހުވާކުރާކަމުގައި ނުވެއެވެ. އަދި ކިއެއް ހެއްޔެވެ! އިންސާނާ ހުވާކުރާނީ ﷲ ގަންދީއެވެ. މުޞްހަފުގަ އަތްލުމަކާ ނުލައެވެ.”
“فتاوى نور على الدرب”.
مجمع الفقه الإسلامي ގެ ޤަރާރުގައި އައިސްފައިވެއެވެ.
“2- ހުވާކުރާ މީހާ ހުވާކުރާ ހިނދު އޭނާގެ އަތް މުޞްޙަފުގައި ނުވަތަ ތައުރާތުގައި ނުވަތަ އިންޖީލުގައި ނުވަތަ އެ ނޫން ވެސް ފޮތެއްގައި ބޭއްވުމަކީ ހުވާ ޞައްޙަވުމަށްޓަކާ ލާޒިމުކަމެއް ނޫނެވެ. އެކަމަކު ޙާކިމަށް، ހުވާކުރާ މީހާ ދޮގުހުވާ ކުރުމުން ބިރުގެންނެވުމަށްޓަކައި އެގޮތަށް ފެނިއްޖެ ނަމަ ޢަމަލު ކުރެވިދާނެ އެވެ.”
“3-ހު ވާކުރާ އިރު ހުވާކުރާމީހާ ތައުރާތުގައި އަދި އިންޖީލުގައި އަތް ބޭއްވުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ އެ ފޮތްތަކުގެ ތެރެއިން މިހާރު އަހަރެމެންގެ އަތްމަތީގައިވާ ފޮތްތަކަކީ ބަދަލުކޮށްފައިވާ ފޮތްތަކެކެވެ. މޫސާ ޢަލައިހިއްސަލާމުގެ މައްޗަށް ބާވައިލެއްވި އަޞްލު ތައުރާތެއް ނޫނެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަރީޢަތް ބާވައިލެއްވުމާއެކު އޭގެ ކުރީގައި ބާވައިލެއްވުނު ހުރިހާ ޝަރީޢަތްވަނީ މަންސޫޚުވެފައެވެ.” “فتاوى إسلامية” (3/463)
މީހަކު ކަމެއް ކުރުމަށް ހުވައެއްކޮށްފިނަމަ އަދި އެ ހުވަޔާ ޚިލާފުވެއްޖެނަމަ އޭނާ ކައްފާރާ ދިނުން ވާޖިބު ވާނެ އެވެ.
والله أعلم
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.