ރާއްޖޭގެ 80 ޕަސެންޓަށް އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯކްގެ ހިދުމަތް ފުޅާކޮށްފި އެވެ.
ރާއްޖޭގެ 80 ޕަސެންޓް ހިއްސާކުރާ 5ޖީ ނެޓްވޯކް މެދުވެރިކޮށް ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. 80 ޕަސެންޓް ކަވަރުކުރެވިފައިވާ އުރީދޫ 5ޖީ ނެޓުވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ފުޅާ 5ޖީ ނެޓުވޯކެވެ.
މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
5ޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އަލްޓްރާ ފާސްޓް ސްޕީޑް، ލޯ ލޭޓެންސީ އަދި ޒަމާނީ ޑިޖިޓަލް ލައިފްސްޓައިލް ސަޕޯޓްކުރާ ޕާފޯމަންސް ލިބިގެންދާނެ އެވެ.
ހައި-ޑެފިނިޝަން ސްޓްރީމިން އަދި އޮންލައިން ގޭމިން އިން ފެށިގެން ރިމޯޓް ވޯކް، ލާނިންގް، ކޮންޓެންޓް ކްރިއޭޝަން އަދި ސްމާޓް ހޯމް ސޮލިއުޝަންސް ފަދަ ހިދުމަތްތައް ފޯރުކޮށްދޭ އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް މިނިވަންކަމާއެކު ގުޅެވޭނެ އެވެ.
އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮތް ޑިމާންޑަށް ބަލައި، ގޭބިސީތަކާއި ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އުރީދޫ އިން ބުނީ އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށް ދިނުމުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް އާ ފުރުސަތުތައް ހޯދައިދީ އުފެއްދުންތެރިކަން އިތުރުކޮށް މުއްސަނދި ޑިޖިޓަލް ތަޖުރިބާ އެއްވެސް ހުރަހެއް ނެތި ލިބިގެންދާނެ ކަމަށެވެ.
މިއީ އުރީދޫ މޯލްޑިވްސްއިން ނެކްސްޓް ޖެނެރޭޝަން އިންފްރާސްޓްރަކްޗާ އަށް ކުރަމުންދާ އިންވެސްޓްމަންޓާއި މުސްތަގުބަލަށް ތައްޔާރު ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރު ރަމްޒުކޮށްދޭ ލަނޑުދަނޑިއެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މި ނެޓްވޯކް އިތުރަށް ފުޅާވަމުންދާއިރު އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ އީޖާދީ އުފެއްދުންތައް ކަސްޓަމަރުންނާ ގާތްކޮށްދީ، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަ ގުޅުންތަކެއް ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.